ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި އޮފީސް ނުވަތަ ކުންފުންފުނި ތަކުގެ ހަތަރު ވަނަ ކެރަމް މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހޯދައިފިއެވެ.

ޖުމްލަ 18 އޮފީހަކުން ބައިވެރިވެގެން މިމަހުގެ އަށްވަނަ ދުވަހު ފެށި އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްއެންޑީއެފްގެ ފިރިހެން ޓީމު ހޯދީ ފައިނަލްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ވާދަކޮށެވެ. މިއީ އެމްއެންޑީއެފްގެ ފިރިހެން ޓީމު ޗެމްޕިއަންކަން ހޯދި ހަތަރު ވަނަ ފަހަރެވެ.

އެމްއެންޑީއެފް އަންހެން ޓީމު މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޮލިސް ސާވިސް ޓީމާއި ވާދަކޮށެވެ. މިއީ އެމްއެންޑީއެފްގެ އަންހެން ޓީމު މު މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

އެމްއެންޑީއެފްގެ އަންހެން ޓީމު ކެރަމް މުބާރާތުން ޗެމްޕިއަންކަން ހޯދާފައިވާއިރު، މުބާރާތުގެ އަންހެން ސިންގަލްސް އަދި އަންހެން ޑަބަލްސްގެ ޗެމްޕިއަންކަންވެސް ހޯދީ އެމްއެންޑީއެފުންނެވެ. އެގޮތުން އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިމިނަތު އަލީ ހޯދި އިރު އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު އަލީއާއި ވަސީމާ ރައޫފެވެ.

މީގެ އިތުރުން، މުބާރާތުގެ ގަދަ އަށް ކުޅުންތެރިންގެ ތެރޭގައި އެމްއެންޑީއެފްގެ ފިރިހެން ޓީމުގެ އިސްމާއިލް ސަލީމް ވަނީ ހިމެނިފައެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ، މިފަހަރުގެ މުބާރާތުގައި ބައިވެރިވި 18 އޮފީހުން، ފިރިހެން 17 ޓީމާއި އަންހެން ނުވަ ޓީމް ވާދަކުރި ކަމަށެވެ.