19 May 2014, 13:33
މިއަދު މިވަނީ އާ އީދަކާއި ލައިގެންފައެވެ. މިއީ ގައުމީ އީދެކެވެ. މިއަދު ފެށޭ އޭއެފްސީ ކަޕުގައި ދިވެހި ގައުމީ ޓީމަށް ސަޕޯޓްކުރުމަށް އެތައް ދިވެހިންނެއް ދަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި އެކި ފަންތީގެ އެކި ގިންތީގެ ފަރާތްތައް ހިމެނެއެވެ. ހާއްސަކޮށް ވިޔަފާރި ކުންފުނިތައް ހިމެނެއެވެ.
ތިރީގައި މިވަނީ ރާއްޖެގެ ބައެއް ބޮޑެތި ކުންފުނިތަކުން ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތަފްސީލެވެ.
އައިލެންޑް އޭވިއޭޝަން
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ ގައުމީ ޓީމަށް ސަޕޯޓްކުރުމަށް ތަފާތު ގޮތްގޮތަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އައިލެންޑް އޭވިއޭޝަން ރެކްރިއޭޝަން ކުލަބުން ގައުމީ ޓީމަށް ކުރާ ސަޕޯޓް ފޯރި ގަދަ ކުރަން ތަފާތު ބެނާތައް ތައްޔާރު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއަދުގެ މެންދުރު ކެއުންވެސް މިއޮތީ ހުރިހާ ސުޓާފުން އެކީގައި، މިކަންވެސް ގުޅުވާލާފައިވަނީ އޭއެފްސީ ކަޕަށް ދިވެހި ޓީމަށް ސަޕޯޓްކުރުމަށް،" ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ގައުމީ ޓީމަށް ސަޕޯޓްކުރުމުގެ ގޮތުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފީހުގައި ދިވެހި ދިދަ ވެސް ދަމާފައިވާކަމަށެވެ.
އެސްޓީއޯ
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް ވިދާޅުވީ ގައުމީ ޓީމަށް ސަޕޯޓް ކުރުމުގެ ގޮތުން އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ރަތްކުލައިގެ ޓީޝާޓެއް ދީފައިވާ ކަމަށެވެ. ގައުމީ ޓީމު ކުޅޭ މެޗްތައް ކުޅޭ ދުވަސްތަކުގައި އެސްޓީއޯގެ ހުރިހާ މުވައްޒިފުން ލާނީ އެ ޓީޝާޓް ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މާލޭގެ އެކި ހިސާބުތަކުގައި ގައުމީ ޓީމަށް ސަޕޯޓްކުރުމުގެގޮތުން ތަފާތު ބިލްބޯޑްތައް ހަރުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ދިރާގު
ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިބްރާހީމް އިމްޖާދު ޖަލީލު ވިދާޅުވީ، ދިރާގަކީ ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކުންފުއްޏެއް ކަމަށެވެ. އެހެންކަމަށް ވުމާއެކު މިއަދު ފެށޭ އޭއެފްސީ ޗެލެންޖް ކަޕުގައިވެސް ރާއްޖޭގެ ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ދިރާގުގެ މުވައްޒިފުން އެކިއެކި ގޮތްގޮތަށް ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވިއެވެ.
އުރީދޫ
މުއާސަލާތީ ހިދުމަތްދޭ ކުންފުނި އުރީދޫއިން ވެސް ދަނީ ގައުމީ ޓީމަށް ސަޕޯޓް ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
ބީއެމްއެލް
ގައުމީ ބެންކް، ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އެބެންކުގެ މުވައްޒިފުން ގައުމީ ޓީމަށް ސަޕޯޓްކުރުމުގެ ގޮތުން އެކިއެކި ބެނާ ތަކާއި އެކިއެކި ސާމާނުތައް ތައްޔާރުކުރަމުންދާ ކަމަށެވެ. މިރޭ ގަލޮޅު ދަނޑުގައި ތަފާތު ސަޕޯޓެއް ގައުމީ ބީއެމްއެލްގެ ސުޓާފުން ދައްކުވައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.