އުތުރު ކޮރެޔާގެ ނިއުކްލިޔަ މައްސަލަ ވާހަކަ ދައްކައިގެން ޙައްލުކުރުމަށް ދެކުނު ކޮރެޔާގެ ރައީސް ލީ މިން ގޮވާލައްވައިފި އެވެ. ލީ މިން އާ ޙަވާލާދީ ދެކުނު ކޮރެޔާގެ ޔުންހާބު ނޫސްއެޖެންސީ ބުނިގޮތުގައި ދެކުނު ކޮރެޔާއެކޭ އެއްގޮތަށް އުތުރު ކޮރެޔާއަކީވެސް އިޤްތިސާދީ ގޮތުން ކުރިއަރާފައިވާ އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ޤައުމަކަށް ހެދުމަށްޓަކައި އުތުރުކޮރެޔާގެ ނިއުކްލިޔަ މައްސަލަ ޙައްލުކުރަންޖެހެ އެވެ.


އަދި 2012 އަހަރަކީ ތަރައްޤީގެ ގޮތުން ކުރިއަރައި އިޤްތިސާދީ ގޮތުން ބާރުގަދަ ޤައުމަކަށް ވުމަށް އުތުރުކޮރެޔާ މާކުރިން ކަނޑައަޅާފައިވާ ތާރީޚެއް ކަމަށްވެސް ލީމިންގ ވިދާޅުވިއެވެ. މިމަޤްސަދް ޙާސިލްކުރުމަށްޓަކައި އުތުރުކޮރެޔާގެ ނިއުކްލިޔަ ޕްރޮގްރާމް ރޫޅާލައި ނިއުކްލިޔަ މައްސަލަ ސުލްހަވެރިކަމާއެކު ޙައްލުކުރަން ޖެހިފައިވާ ކަމަށާއި ދެ ކޮރެޔާގައި ވެސް ދިރިއުޅެނީ އެއްނަސްލެއްގެ އެއް ބަހަކުން ވާހަކަ ދައްކާ އެއްބަނޑުއެއްބަފާ ރައްޔިތެއް ކަމަށްވެސް ދެކުނު ކޮރެޔާގެ ރައީސް ވިދާޅުވިއެވެ.


ނަމަވެސް ނިއުކްލިޔަ ފެތުރުން މަނާކުރާ މުޢާހަދާގައި އުތުރުކޮރެޔާ އަލުން ބައިވެރިނުވަނީސް އެޤައުމާއެކު ނިއުކްލިޔަ ވާހަކަތައް ދެއްކުމުގެ ބޭނުމެއްނެތް ކަމަށް ވިދާޅުވެ ދެކުނު ކޮރެޔާގެ އިސް މަސްއޫލުވެރިއަކު މިދިޔަ ހަފްތާގައި ވަނީ ވާހަކަ ދައްކަވާފައެވެ. ދެކުނު ކޮރެޔާގެ ރައީސް މިމޭރުމުން ވާހަކަ ދެއްކެވީ ދެކޮރެޔާގެ މަސްރަޙް ނުސިޔާނު ފައްތަރެއްގައި ވާ ދުވަސްވަރެއްގައެވެ. ދެކޮރެޔާގެ މަސްރަޙް ގޯސްވީ މިދިޔަ ނޮވެމްބަރ މަހު ދެކުނު ކޮރެޔާގެ ޖަޒީރާއަކަށް އުތުރު ކޮރެޔާ ބޮޑުބަޑިން ޙަމަލާދީ ދެކުނު ކޮރެޔާ ސިފައިންގެ ހަތަރު މީހަކު މަރާލުމާގުޅިގެންނާއި މިކަމަށް ރައްދު ދިނުމުގެ ގޮތުން ދެކޮރެޔާގެ ސަރަޙައްދީ ރޮނގުގެ ކައިރީގާ ދެކުނު ކޮރެޔާގެ ސިފައިން އަސްލު ވަޒަންބޭނުންކޮށްގެން ޢަސްކަރީ ތަމްރީންތަކެއް ކުރިޔަށް ގެންދިޔުމާގުޅިގެންނެވެ.- ޖަވާދު