19 May 2014, 13:22
މިއަދު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖޭގެ މައްޝޫރު ބޮޑު ގްރޫޕްތަކުން ވެސް ރާއްޖޭގެ ގައުމީ ޓީމަށް ސަޕޯޓްކުރުމަށް ސަޕޯޓަރުންނާއެކު ހަރަކާތްތެރިވާނެ ކަމަށް އެ ގްރޫޕްތަކުން ބުނެފި އެވެ.
ދިވެހިންގެ ހިތްތަކާއި ގުޅިލާމެހިފައިވާ ގައުމީ ޓީމަށް ސަޕޯޓްކުރުމަށް ސަޕޯޓަރުންގެ ގޮތުގައި މިރޭ ދަނޑަށް ވަންނަ ބޮޑުބެރު ގްރޫޕްތަކުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ގިނަ ގްރޫޕްތަކެއް ހިމެނެ އެވެ.
ރާއްޖޭގެ ބޮޑު ބެރުގެ ރަސްގެފާނު ކަމުގައިވާ "ހަރުބީ" ގްރޫޕުގެ މެމްބަރަކު ބުނި ގޮތުގައި މިރޭ ދަނޑުގައި ސަޕޯޓަރުންނާ އެކު ހަރުބީ ގެ ބައެއް މެންބަރުން ބެރާ އެކު ހަރަކާތްތެރި ވާނީ ސަޕޯޓަރުންގެ ގޮތުގަ އެވެ. އަދި އެ ގްރޫޕްގެ ފަރާތުން ޓީމަށް ސަޕޯޓްކުރުމުގެ ގޮތުން އާދަޔާ ހިލާފް ހަރަކާތްތަކެއް މިފަހަރު ފެނިގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓީވީއެމްގެ ބޮޑުބެރު ޗެލެންޖްގެ ޗެންޕިއަންސްކަން ވެސް ޖެހިޖެހިގެން ދެ ފަަހަރު ހޯދައިގެން ރާއްޖޭގެ ބޮޑު ބެރަށް ބޮޑު އިންގުލާބެއް ގެސްފައިވާ ހަރުބީ ވަނީ މިފަހަރު އޭއެފްސީ ޗެލެންޖް ކަޕަށް ރާއްޖެ އައި ހުރިހާ ޓީމްތަކަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ވެސް ތަފާތު ހުށަހެޅުންތަކެއް ވެސް ދައްކުވައިދީފަ އެވެ.
ސަޕޯޓަރުންނާ އެކު ދަނޑަށް މިރޭ ވަންނަ "ހަބޭސް" ބޮޑު ބެރު ގްރޫޕަކީ އޭއެޕްސީ ޗެލެންޖް ކަޕް ފެށުމުގެ ކުރިން ރާއްޖެ އާއި ލާއޮސް އާ އެކު ކުޅުނު ފްރެންޑްލީ މެޗްގައި ވެސް ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށް ވަތް ހަމަ އެކަނި ބޮޑުބެރު ގްރޫޕެވެ. އެ މެޗު ފެށުނީއްސުރެ ނިމެންދެއް އެ ގްރޫޕްގެ ބެރުގެ އަޑު ދަނޑު ތެރެއިން މެދުނުކެނޑި އިވެމުންދިޔަ އެވެ. އަދި ގިނަ ސަޕޯޓަރުންގެ ހިތްވަރަކަށް އެ ގްރޫޕް އެރޭ ވެގެންދިޔަ އެވެ.

އެ ގްރޫޕުން ބުނީ މިރޭ ހަބޭސް ދަނޑަށް ވަންނާނީ ސަޕޯޓަރުންނަށް ވެސް އިތުރު ހިތްވަރެއް ދިނުމަށް ކަމަށެވެ.
ޓީވީއެމްގެ ބޮޑުބެރު ޗެލެންޖުން ތައާރަފްވި "ވަރުނުލާރާޅުގަނޑު" ބޮޑުބެރު ގްރޫޕް ވެސް މިރޭ ދަނޑަށް ވަންނަނީ ސަޕޯޓަރުންގެ ގޮތުގަ އެވެ.

އެ ގްރޫޕްގެ މެމްބަރަކު ބުނީ މިރޭގެ މެޗަށް އެ ގްރޫޕާ އެކު އެންމެ ފަހުގެ ބޮޑުބެރު ޗެލެންޖްކަޕްގެ ޗެންޕިއަނުން ކަމުގައިވާ "ދަންމާނު" ބޮޑު ބެރު ގްރޫޕް ވެސް ދަނޑަށް ވަންނާނެ ކަމަށާއި އެ ދެބައި މީހުން ހަރަކާތްތެރިވާނީ އެއް ބައެއްގެ ގޮތުގަ ކަމަށެވެ.
މި ގްރޫޕްތަކުން ދަނޑަށް ވަންނައިރު ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ގްރޫޮޕްތަކުގެ ގިނަ ފޭނުންތަކެއް ދަނޑަށް މިރޭ ވަންނާނެ ކަމަށް ވެސް އެ ގްރޫޕްތަކުން ބުންޏެވެ.