19 May 2014, 13:10
އައްޑޫ ސިޓީ އިން: އަލީ ރިފްޝާން
އޭއެފްސީ ޗެލެންޖް ކަޕުގެ ތައްޔާރީތަކުގައި ފިލިޕީންސް ޓީމަށް ދިގު ދަތުރުތަކެއް ކުރަން ޖެހުމާއި ކެއުމުގެ އިންތިޒާމްތައް ދަށްވުމުގެ ސަބަބުން ގިނަ ހުރަސްތަކެއް ކުރިމަތިވި ކަމުގައި އެ ޓީމުގެ ކޯޗު ތޯމަސް ޑޫލޭ ބުނެފި އެވެ.
އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރާ ގްރޫޕް ބީގައި ވާދަކުރާ ޓީމުތަކުގެ ކޯޗުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހެރަތެރެ އައިލެންޑް ރިސޯޓުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފިލިޕީންސްގެ ކޯޗު ބުނީ، މުބާރާތުގެ ކަންކަން އިތުރަށް ރަނގަޅު ކުރެވުނީސް ކަމަށާއި ހުރިހާ ކަމެއް ފުރިހަމަ ނަމަ، ޓީމަށް އިތުރު ވަރުގަދަކަމެއް ލިބޭނެ ކަމަށެވެ.
"އަހަރެމެންނަށް ދަތިތަކެއް އެބަހުރި. އެގޮތުން ދިމާވި އެންމެ ބޮޑު ދައްޗަކީ ދިގު ދަތުރުތައް ކުރުމާއި ކެއުމުގެ އިންޒާމުތައް ދަށްވުން. މި ހުރިހާ ކަމެއް ރަނގަޅުވީ ނަމަ، ޓީމަށް އިތުރު ވަރުގަދަ ކަމެއް ލިބޭނެ. މިއީ ކޮންމެހެން އަހަރެން ޝަކުވާކުރަން ދައްކާ ވާހަކައެއް ނޫން. ހުރިހާ ޓީމަކަށް ވެސް މިކަން ކުރިމަތިވި. އެހެންކަމުން މި ގްރޫޕްގެ ހުރިހާ ޓީމެއްގެ ފަރާތުން އެކަން ފެންނާނެ،" ޑޫލޭ ބުންޏެވެ.
ފިލިޕީންސް ކޯޗު ބުނީ، ކޮންމެ މެޗަކަށް ވެސް ނުކުންނާނީ ސީރިއަސްކަމާ އެކު ކަމަށާއި، ގްރޫޕް ބީގައި ހިމެނޭ ކޮންމެ ޓީމަކީ ވެސް ނުރައްކާތެރި ޓީމެއް ކަމަށެވެ.
"ކޮންމެ ކުޅުންތެރިއެއް ވެސް މެޗުގައި ރަނގަޅު ކުޅުމެއް ދައްކާނެ. ކޮންމެ މެޗަކަށް ވެސް އަހަރެމެން ނުކުންނާނީ ސީރިއަސް ކަމާއެކު. މި ގްރޫޕްގައި އަދި މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކީ ވެސް ވަރުގަދަ އަދި ނުރައްކާތެރި ޓީމުތައް. ކޮންމެ ޓީމަކަށް ވެސް ޗެލެންޖް ކަޕު ކާމިޔާބުކުރެވިދާނެ. އަހަރެމެން ބޭނުންވަނީ ކުޑަކުޑަ ނަސީބެއް،" އޭނާ ބުންޏެވެ.
އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ސްޓޭޖުގައި ފިލިޕީންސް ނުކުންނަން ޖެހޭނީ އަފްޣާނިސްތާނާއި ލާއޯސް އަދި ތުރުކުމެނިސްތާނާއި ދެކޮޅަށެވެ.
އައްޑޫ ފުޓްބޯޅަ ދަނޑުގައި ފުރަތަމަ ކުޅޭ މެޗުގައި މާދަމާ 4:00ގައި ވާދަކުރާނީ ތުރުކުމަނިސްތާނާއި ލާއޯސް އެވެ. އެގްރޫޕްގެ ދެވަނަ މެޗުގައި އެރޭ 9:00ގައި ވާދަކުރާނީ ފިލިޕީސްންސާއި އަފްޣާނިސްތާނެވެ.