19 May 2014, 13:06
މި އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ ނިޔަލަށް ރިޓަޔާމަންޓް ޕެންޝަން ފަންޑުގައި ހުރި ފައިސާގެ އަދަދު ތިން ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ޕެންޝަނާ ބެހޭ އިދާރާ އިން ބުނެފި އެވެ.
މިއަދު ހެނދުނު ޓްރޭޑާސް ހޮޓެލްގައި ފެށި އިންވެސްޓްމެންޓް ސެމިނާގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހައްދު ހުސެއިން މަނިކު ވިދާޅުވީ ޕެންޝަން ސުކީމް ހިނގަމުން ދަނީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށާއި އޭގެ ފައިދާ އިތުރުކުރަން ޖެހޭ ކަމަށެވެ.
"ޕެންޝަން ފަންޑަކީ ވަރަށް ކާމިޔާބުކަމާ އެކު ހިންގަމުންދާ ފަންޑެއް. މި އަހަރު ގާތްގަނޑަކަށް އޮކްޓޯބަރު، ސެޕްޓެމްބަރު މަހަށްދާ އިރު ތިން ބިލިއަން ރުފިޔާވަރު ހުންނާނެ،" މަނިކުވިދާޅުވި އެވެ.
ޕެންޝަން ފަންޑުތަކުގެ ބޭނުމަކީ އެ ފައިސާ އިންވެސްޓްކޮށްގެން ފަންޑަށް ފައިސާ ޖަމާކުރާ މީހުނަށް މަންފާއެއް ހޯދަދިނުންކަން ފާހަގަކުރަމުން މަނިކު ވިދާޅުވީ ރާއްޖެ އިން ބޭރުގެ ފަރާތްތަކާ ގުޅިގެން ވެސް އިންވެސްޓް ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. އަދި މިއަދު ފެށި ފޯރަމުގެ ބޭނުމަކީ ވެސް ޕެންޝަންފަންޑް ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސެމިނާގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ތިބި ފައިނޭސް ސެކްޓަރު މީހުނަށް އެ ކަންކަން ދަސްކޮށްދިނުމާއި ކުރިއަށް އޮތްތާގައި ޕެންޝަންފަންޑު ހިންގުމަށް ކުރިއަށް ގެންދެވޭނެ ބަދަލުތައް ދެނިގަތުން،" އޭނާ ވިދާޅުވި އެވެ.
ޕެންޝަން ފަންޑުން މިހާރު ބައެއް އިންވެސްޓްތައް ދަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ޓީބިލް ގަނެގެންނާއި އަދި ރާއްޖޭގެ ބައެއް ކުންފުނިތަކުން ހިއްސާވަނީ ގަނެފަ އެވެ.
ފެންޝަން އޮފީހުން އިންތިޒާމްކޮށްގެން އެއްދުވަހުގެ ނިޔަލަށް މިއަދު ކުރިއަށްދާ ސެމިނާގައި ރާއްޖޭގެ ފައިނޭސްދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި އަދި ބޭންކްތަކުގެ ބޭފުޅު ވަނީ ބައިވެރިވެފަ އެވެ.