ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު އދ. މަންދޫ މަސްދޯންޏަކުން 15 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.

ސަން އަށް މައުލޫމާތު ދެމުން މާވަހަރު ހޮވި އދ. މަންދޫ، ވިޔަރެސް ދޯނީގެ ފަޅުވެރިއެއް ކަމަށްވާ، އދ. މަހިބަދޫ ރަންކޮކާގޭ މުހައްމަދު ޖުނައިދު ބުނީ، އެ މާވަހަރު ފެނިފައި ވަނީ ކަންނެލި މަސްވެރިކަން ނިންމާލުމަށްފަހު އިއްޔެ މަސްތައް ކިރާލަން ހުޅުމާލެ އައި މަގުމަތީގައި އދ. ހަންޏާމީދޫ، އަލި ހުރަސް ކަނޑުން ކަމަށެވެ.

"އިއްޔެ ކަންނެލި މަސްވެރިކަން ނިންމާލާފަ އަންނަނިކޮށް ކުރިން ނުފެންނަ ވައްތަރުގެ އެއްޗެއް ފެނިގެން ދޯނި އަނބުރާލައިގެން ގޮސް ދާ އަޅައިގެން އަޅުނގަޑު އޭތި ނެގީ،" ޖުނައިދު ބުންޏެވެ.

އޭނާ ބުނީ، އެ މާހަރު މާލެ ގެންދިއުމަށްފަހު، ރަނގަޅު އަގަކަށް ވިއްކާލާނެ ކަމަށެވެ. އަދި ވިއްކާލުމަށްފަހު ލިބޭ ފައިދާ ދޯނީގެ ފަޅުވެރިންނަށާއި ދޯންޏަށް އެއްވަރަކަށް ބަހާލާނެ ކަމަށްވެސް އޭނާ ބުންޏެވެ.