19 May 2014, 11:35
ނ. ވެލިދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުން ދިޔަ ކަމުގެ ތުހުމަތުގައި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ. އަދި އެ ގެއަކީ އޭނާ ދިރިއުޅެމުންދާ ގެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ ހައްޔަރުކޮށްފައި ވަނީ ވެލިދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ވެލިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނުގައި މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހާ ހައްޔަރުކޮށް އޭނާ ދިރިއުޅެމުންދާގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު އެގޭ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ދެ ފުޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޓަކައި ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ އެވެ.
އެ މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.