19 May 2014, 11:22
ކުޅިވަރުގެ ރޫހާ ޚިލާފު އަމަލެއް ހިންގައިފިނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިންޒާރު ދީފި އެވެ.
މިއަދު ހަވީރު ރާއްޖޭގައި ފަށާ ޗެލެންޖްކަޕާ ގުޅުވައިގެން ސަން އަށް ދެއްވި އިންޓަވިއު އެއްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަޒުހާން ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ކުޅޭ މެޗްތަކުގައި ބޭއަދަބީ ބަސްތައް ބޭނުންކޮށް މީހުންނާއި ދިމާލަށް ވަނަމުން ގޮވައި އަޑުގަދަކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ފަހަރަށް ރެފްރީންގެ އަމަލުތަކާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކޮށް ދަނޑުމައްޗަށް ސަޕޯޓަރުން އެއްޗެހި އުކާ ހަދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަޒުހާން ވަނީ ކުޅިވަރުގެ ރޫހާއި ހިލާފު އެފަދަ އަމަލުތައް ނުހިންގުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ އެފަދަ އަމަލެއް ސަޕޯޓަރުންގެ ފަރާތުން ފެނިއްޖެނަމަ، ދަނޑުގައި ފޯރި ބަލަހައްޓާ ފުލުހުން ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އަޒުހާން ވިދާޅުވީ، އެހެން ގައުމުތަކާއި ޚިލާފަށް ރާއްޖޭގެ ސަޕޯޓަރުން ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކޮށް ހަދަމުން ނުދާ ކަމަަށާއި އެކަމަށްޓަކައި ދިވެހި ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ވަރަށް ޕޮޒިޓިވް ކަމެއް. އަޅުގަނޑުމެން އެދެނީ ސަޕޯޓަރުން އެގޮތުގައި ތިބެން. އެފަދަ އަމަލެއް ނުހިންގުން،" އަޒުހާން ވިދާޅުވި އެވެ.
މިއަދު ހަވީރު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕްގެ މެޗްތަކުގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު، މެޗުތަކުގެ ޓިކެޓު ނުއަގުގައި ކަޅުބާޒާރުގައި ވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި މީހަކު ވަނީ މިހާރު ހައްޔަރު ކޮށްފަ އެވެ.
އަޒުހާން ވިދާޅުވީ ކަޅުބާޒާރުގައި ޓިކެޓް ވިއްކާ މައްސަލަ ހައްލު ކުރަން ފުލުހުންގެ ޓީމުތަކުން މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެކަން ކުރާ ފަރާތްތަކުން މިހާރު ޓިކެޓް ވިއްކަމުންދަނީ ވަރަށް ސިއްރުންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިއަދު ހަވީރު 4:00 ގައި ފަށާ ޗެލެންޖު ކަޕްގައި ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ފަލަސްތީނާއި ކިރިގިސްތާނެ އެވެ. އަދި މުބާރާތް ހުޅުވާމެޗުގައި މިރޭ 9:00 ގައި ރާއްޖެ ކުޅޭނީ މިޔަންމާއާ ދެކޮޅަށެވެ.