ކޮރަޕްޝަންގެ ތުހުމަތަކާ ގުޅިގެން ފެމިލީ ކޯޓުން ލިޔުންތަކެއް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ތަހްގީގު ޓީމުގެ އޮފިޝަލުންގެ އަމަލުތައް ހުރީ، އަމަލުކުރަން ޖެހޭ ގޮތާ ހިލާފަށް ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.

ފެމެލީ ކޯޓުގެ އެޑްމިނިސްޓްރޭޓަރު އިބްރާހިމް ތައުފީގު ސޮއިކުރައްވައި އޭސީސީ އަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ފެމެލީ ކޯޓަށް ލިޔުންތައް ހޯދަން ފޮނުވުމުން، އެ ކޯޓުން ބުނި ބުނުމަކަށް އޭސީސީގެ ޓީމުގެ އޮފިޝަލުން ދެކޮޅު ހަދައި ޖަދަލުކޮށްފައިވާ ކަމަށެވެ.

"ތިޔަ ކޮމިޝަނުން ފޮނުވައްވާފައިވާ ބޭފުޅަކު އަމަލުކުރަން ޖެހޭ ގޮތާ ހިލާފަށް އަމަލުތައް ބަހައްޓަވާ، މި ކޯޓުން ދެންނެވި ދެންނެވުމަށް ދެކޮޅުހައްދަވައި ޖަދަލުކޮށް ނާތަހުޒީބީ ގޮތަށް މުއާމަލާތްކޮށް ކޯޓަށް އެބޭފުޅުން ނުވެއްދިކަމަށް ބުނެ މީޑިއާތަކުގައި ހަގީގަތާ ހިލާފަށް ވާހަކަ ދައްކާފައި ވާތީ އެކަން ހިތާމައާ އެކު ފާހަގަކުރަމެވެ.،" އެ ސިޓީގައި ބުނެފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޭސީސީގެ އަމުރަކާ އެކު އެ ކޮމިޝަންގެ އޮފިޝަލުން ފެމެލީ ކޯޓަށް ވަންނަން އުޅުމުން ފެމެލީ ކޯޓުން، ކޯޓަށް ވަނުމުގެ އަމުރާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި ކުރަން ޖެހޭ މަސައްކަތް އެބަހުރި ކަަމަށް ބުނެފައިވާ ކަމަށް އޭސީސީގެ ބުނެފައިވެ އެވެ.

ފެމެލީ ކޯޓުން އޭސީސީ އަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައި ވަނީ، އޭސީސީން އެކި ކަންކަމާ ގުޅިގެން ސާފުކުރައްވަން ބޭނުންވާ މައުލޫމާތެއް އެކޯޓަށް ހުށަހެޅުމުން ކުރިން ވެސް، ބަޔާންކުރަނިވި ސާފު ގޮތެއްގައި އެއްބާރުލުންދީ ހިއްސާކޮށްފައިވާނެ ކަމަށެވެ.

"އޭސީސީން ބޭނުންވާ މައުލޫމާތުތަކަކީ، އޮޅުމެއްނުވާނެ ސާފު އިބާރާތުން ތަފްސީލުވެ ބަޔާންކުރެވިގެން މެނުވީ މި ކޯޓުން ހިއްސާކުރާ މައުލޫމާތަކަށް ނުވާތީ، ހަވާލާ ދެވިފައިވާ ސިޓީން ހޯއްދަވަން ބޭނުންފުޅުވާ މައުލޫމާތާއި ތަކެތި ބަޔާންކޮށްދެއްވުމުން ބޭނުންފުޅުވާ މައުލޫމާތެއް ނުވަތަ ބޭނުންފުޅުވާ ތަކެތި މި ކޯޓުން ފޮރުކޮށްދޭނެ ވާހަކަ ދެންނެވީމެވެ.،"

ފެމެލީ ކޯޓުން އޭސީސީ އަށް އިއްޔެ ސިޓީއެއް ފޮނުވާފައިވާ އިރު، އޭސީސީގެ ތަހުގީގީ ޓީމަށް ފެމެލީ ކޯޓަށް ހުރަސް އެޅި މައްސަލަ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ވަނީ އޭސީސީގެ ރައީސް ހަސަން ލުތުފީ ސޮއިކުރައްވާ އިއްޔެ ފޮނުއްވާފަ އެވެ.