19 May 2014, 10:23
އޭއެފްސީ ޗެލެންޖް ކަޕާ ގުޅިގެން ގައުމީ ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަޙައްދުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި ވެހިކަލްތައް މިއަދު ނަގާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ދަނޑު ހިމެނޭ ސަރަހައްދުގައި ޕާކްކުރުން މަނާ ތަންތަނުގައި ޕާކްކޮށްފައިވާ އުޅަނދުތައް މިއަދު ހެނދުނު 11:00 އިން ފެށިގެން ނަގަން ފަށާނެ ކަމަށެވެ. އަދި އެ ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް އެގަޑީގެ ކުރިން ކުރިން ނެގުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއަދު ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕާ ގުޅިގެން ގައުމީ ފުޓުބޯޅަ ދަނޑު ހިމެނޭ ސަރަހައްދުތައް މިއަދު މެންދުރު 1:00 އިން ފެށިގެން ރޭގަނޑު 12:00 އަށް ބަންދުކުރުމަށް ވެސް ފުލުހުން ވަނީ ހަމަޖައްސައިފަ އެވެ. އަދި އެވަގުތުތަކުގައި އެއްގަމު ދަތުރުފަތުރު ކުރާ އެއްޗެއްސަށް ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ނުވަދެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިއަދު މެންދުރުން ފެށިގެން ގައުމީ ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދުން ބަންދުކުރުމަށް ހަމަޖައްސާފައި ވަނީ މަޖީދީމަގު އަލިކިލޭގެފާނު މަގާ ގުޅުނު ހިސާބުން ފެށިގެން އިރަށްވާ ސަރަހައްދާއި ހުސްނުހީނާމަގު ކަޅުހުރާމަގު ގުޅުނު ހިސާބުން ފެށިގެން ދެކުނަށް ހަތަރު ފުރޮޅުލީ އުޅަނދަށެވެ. އަދި ހަނދުވަރުދޭހިނގުން ހަނދުވަރުދޭގޯޅި ގުޅުނު ހިސާބުން ފެށިގެން ދެކުނަށާއި ހަދީބީމަގު ކަޅުހުރާމަގު ގުޅުނު ހިސާބުން ފެށިގެން ދެކުނަށާއި ކަރަންކާމަގު ކަޅުހުރާމަގު ގުޅުނު ހިސާބުން ފެށިގެން ދެކުނަށާއި އަބަދަށްފެހިމަގު ކަޅުހުރާމަގު ގުޅުނު ހިސާބުން ފެށިގެން ދެކުނަށް އަދި މަޖީދީމަގު ސޯސަންމަގު ގުޅުނު ހިސާބުން ފެށިގެން ހުޅަނގަށް ހަތަރު ފުރޮޅުލީ އުޅަނދުތަަކަށެވެ. އަދި މުތީގޯޅި ނިރޮޅުމަގު ގުޅުނު ހިސާބުން ފެށިގެން ހުޅަނގަށާއި ޝަބްނަމްމަގު ބޮޑުރަސްގެފާނުމަގު ގުޅުނު ހިސާބުން ފެށިގެން އުތުރަށް އަދި ބަނަފްސާމަގު ބޮޑުރަސްގެފާނުމަގު ގުޅުނު ހިސާބުން ފެށިގެން އުތުރަށް ކަމަށް ފުލުހުން ބުންޏެވެ.
އޭއެފްސީ ޗެލެންޖް ކަޕް މުބާރާތް ކުރިއަށްދާއިރު ޕާކްކުރުން މަނާ ސަރަހައްދުތައް ގޮތުގައި ކަނޑައަޅާފައި ވަނީ މަޖީދީމަގު ބަނަފްސާމަގު ގުޅުނު ހިސާބުން ފެށިގެން މަޖީދީމަގު ޝަބްނަމްމަގާއި ގުޅުނު ހިސާބާއި ދެމެދުގައިވާ ޒޯންތަކާއި ބަނަފްސާމަގު މަޖީދީމަގު ގުޅުނު ހިސާބުން ފެށިގެން ބަނަފްސާމަގު ސަހަރާމަގާއި ގުޅުނު ހިސާބާއި ދެމެދުގައިވާ ޒޯންތަކެވެ. އަދި ޝަބްނަމްމަގު މަޖީދީމަގާއި ގުޅުނު ހިސާބުން ފެށިގެން ޝަބްނަމްމަގު ބޮޑުރަސްގެފާނުމަގާއި ގުޅުނު ހިސާބާއި ދެމެދުގައިވާ ޒޯންތައް ކަމަށް ފުލުހުން ބުންޏެވެ.
މަޖީދީމަގު ދަނޑު ކައިރި އަކީ އެމްބިއުލާންސް، ފަޔާ ލޮރީ އަދި ޓީމްތަކުގެ އެސްކޮޓްގައި ހަރަކާތްތެރިވާ ވެހިކަލްތައް މަޑުކޮށްގެން ތިބުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުތައް ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ދަނޑަށް ވަޑައިގަންނަވާ ބޭފުޅުންގެ އުޅަނދުތައް ޕާކްކުރުމަށް ހުއްދަކުރެވިފައިވާ ވަކި ސަރަހައްދުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
މުބާރާތުގެ މެޗްތައް ކުރިއަށްދާ ވަގުތުގައި ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ބަންދުކުރުމުން އާއްމު އުޅަނދުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ މަގުތައް ގޮތުގައި ވަކި މަގުތަކެއް ވެސް ފުލުހުން ވަނީ ކަނޑައަޅައިފަ އެެވެ.