އައްޑޫ ސިޓީ އިން: އަލީ ރިފްޝާން

ޗެލެންޖު ކަޕާ ގުޅިގެން އައްޑޫ ސިޓީ އަށް އިގްތިޞާދީ ނަފާ ލިބިގެންދާ ކަމުގައި ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގެ ނަން "އައްޑޫ ފުޓްބޯޅަ ދަނޑު"ގެ ނަމަށް ރީބްރޭންޑްކޮށް، ރަސްމީކޮށް ރޭ އެ ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަފަޅު ދައްކަވަމުން މަލީހު ވިދާޅުވީ، މިއަދަކީ ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ފެއްޓުނު ދުވަސް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދަކީ ސްޕޯޓްސް ޓޫރިޒަމް ރާއްޖެ އަށް ފެށުނު އުފާވެރި ދުވަސް. އޭއެފްސީ ޗެލެންޖް ކަޕާ ގުޅިގެން އަޅުގަނޑަށް ފެނިގެން ދިޔައީ މި އަތޮޅުގެ[ އައްޑޫ ސިޓީ] އައްޑޫ ހެރެތެރެ ރިސޯޓް ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަހަށް މިވަނީ ފުލް އޮކިއުޕަންސީގައި ހިފަހައްޓާލައިފައި. މި ޗެލެންޖު ކަޕާ ގުޅިގެން ބޮޑެތި އިގްތިޞާދީ މަންފާ އައްޑު އަތޮޅަށް ލިބިގެން މިދަނީ،" ކުޅިވަރާ ބެހޭ މިނިސްޓަރު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުން ކަޅިވަރު ދަނޑެއް އަޅަނީ ހަމައެކަނި ކުޅިވަރު ކުޅެން ނޫންކަމަށާއި މި ސަރުކާރުގެ ވިސްނުމަކީ ކޮންމެ ކަމެއްގެ ތެރެއިން ވެސް އިގްތިސާދީ ނަފާ ލިބޭނެ ގޮތަށް ކަންކަން ކުރުން ކަމަށެވެ.

"އަޅުގަނޑުމެން ކުޅިވަރު ދެނޑެއް، ކުޅިވަރު ސްޓޭޑިއަމްއެއް ހަމައެކަނި ގާއިކުރަނީ ހަމައެކަނި ކުޅިވަރު ކުޅޭކަށެއް ނޫން. ރައީސް ޔާމީނުގެ ސަރުކާރުގެ އެންމެ މުހިންމު މެނިފެސްޓޯއަކީ ނުވަތަ އެންމެ މުހިންމު ވިސްނުމަކީ ކޮންމެ ކަމެއްގެ ތެރެއިން ވެސް އިގްތިސާދީ ނަފާ ގައުމަށް އަދި ރައްޔިތުންނަށް ލިބޭނެ ގޮތަށް ކަންކަން ކުރުން،" އޭނާ ވިދާޅުވި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރު ވިދާޅުވީ، އޭއެފްސީ ޗެލެންޖް ކަޕަކީ މުސްތަގުބަލުގައި މިފަދަ ބޮޑެތި މުބާރާތްތައް އައްޑޫ އާއި މާލެ އަދި ރާއްޖޭގެ ކަންކޮޅުތަކުގައި ބޭއްވުމަށް ޓަކައި އެޅޭ ވަރުގަދަ ބިންގަލެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، އޭއެފްސީ ޗެލެންޖް ކަޕް މި މަހުގެ 30ގައި ރާއްޖޭގައި ނިމިގެން ދިޔަ ކަމުގައިވީ ނަމަވެސް، އޭއެފްސީ ޗެލެންޖް ކަޕަކީ ހަގީގަތުގައި މުސްތަގުބަލުގައި މިފަދަ ބޮޑެތި މުބާރާތްތައް އައްޑޫއާއި މާލެ އާއި ރާއްޖޭގެ ކަންކޮޅުތަކުގައި ބޭއްވުމަށް ޓަކައި އެޅޭ ވަރުގަދަ ބިންގަލެއް،" އޭނާ ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، އަންނަ އަހަރުގެ މާޗް މަހުގައި މި ސްޓޭޑިއަމްގައި ބައިނަލްއަގްވާމީ މިފަދަ މުބާރާތެއް އަދި މިއަށް ވުރެ ވެސް ބޮޑު މުބާރާތެއް ބާއްވާނެ ކަމުގެ އުފާވެރި ހަބަރު އޭއެފްސީން ދީފައިވާ ކަމަށެވެ.

"އޭއެފްސީގެ ބޭފުޅުންނާ އަޅުގަނޑު މީގެ ދުވަސްކޮޅެއް ކުރިން ބައްދަލުކޮށް މަޝްވަރާކުރިން. އެބޭފުޅުން ވިދާޅުވި އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ މާޗް މަހުގައި މި ސްޓޭޑިއަމްގައި ބައިނަލްއަގްވާމީ މިފަދަ މުބާރާތެއް އަދި މިއަށް ވުރެ ވެސް ބޮޑު މުބާރާތެއް ބާއްވާނެ ކަމަށް. އަދި ވޯލްޑްކަޕް ކޮލިފައިން މެޗުތައް މި ސްޓޭޑިއަމްގައި ކުޅެވިގެން ދާނެ ކަމުގެ އުފާވެރި ހަބަރު އެބޭފުޅުން ދެއްވި،" ކުޅިވަރާ ބެހޭ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މަލީހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އައްޑު އަތޮޅު މަތިން ދާއިރު އެންމެ ބޮޑަށް ފެނިގެންދާނީ އައްޑޫ ސްޓޭޑިއަމްގެ އަލިތައް ކަމަށާއި އެ އަތޮޅުގެ އެކިއެކި ރަށްރަށުގައި ކުޅިވަރާ ގުޅުން ހުރި އެކިއެކި މަޝްރޫއުތައް މިހާރު ވެސް ކުރިއަށް އެބަ ގެންދަވާ ކަމަށެވެ.

"އައްޑު އަތޮޅު މިއަދު މިވަނީ ދުނިޔޭގެ ބައިނަލްއަގްވާމީ ފުޓްބޯޅަ މަންޒިލެއްގެ ގޮތުގައި ނޫނީ ކުޅިވަރުގެ އިވެންޓްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ޗާޓުގައި ކުރެހިގެން ގޮސްފައި. އައްޑު އަތޮޅު މަތިން ދާއިރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފެނިގެންދާނީ އައްޑޫ ސްޓޭޑިއަމްގެ އަލިތައް. އައްޑު އަތޮޅުގެ އެކިއެކި ރަށްރަށުގައި ކުޅިވަރާ ގުޅުން ހުރި އެކިއެކި މަޝްރޫއުތައް އަޅުގަނޑު މިހާރު ވެސް ކުރިއަށް އެބަ ގެންދަން. އެގޮތުން ހުޅުދޫ، މީދޫ، ފޭދޫ، މަރަދޫ އަދި ހިތަދޫގައި ވެސް ހިމެނޭ ގޮތަށް އަޅުގަނޑު މިދަނީ ސްޕޯޓްސް އެރީނާގެ އެކިއެކި ކޮމްޕޯނަންޓްތައް ޕްރޮޖެކްޓްތަކުގެ ސިފައިގައި ކުރިއަށް ގެންދަމުން،" އޭނާ ވިދާޅުވި އެވެ.

މިއަދު ހުޅުވިގެން ދިޔަ، އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާނީ ގްރޫޕް ބީގެ މެޗުތަކެވެ. އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމެނިސްތާނާއި ފިލިޕީންސާއި އަފްޣާނިސްތާނު އަދި ލާއޯސް އެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި ފުރަތަމަ ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު 4:00ގައި ވާދަކުރާނީ ތުރުކުމަނިސްތާނާއި ލާއޯސް އެވެ. އެގްރޫޕްގެ ދެވަނަ މެޗުގައި އެރޭ 9:00ގައި ވާދަކުރާނީ ފިލިޕީސްންސާއި އަފްޣާނިސްތާނެވެ.