19 May 2014, 09:50
އޭޝިޔާގެ ބައިބޯ މިސަރަޙައްދުގައި އޮތް އެންމެ ކުޑަ އިޤްދިޞާދު އަދި އެންމެ ކުޑަ އާބާދީ އަކީ ދިވެހިރާއްޖެ ކަމަށްވިޔަސް މިސަރަޙައްދުގެ ފުޓްބޯޅައިގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމަކީ ދިވެހިރާއްޖެ ކަމަށް ފުޓްބޯޅަ ދިރާސާކުރާ ގިނަ ފަރާތްތަކުން ދެކެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ބައިނަލް އަޤްވާމީ ފުރަތަމަ މެޗް ކުޅެފައިވަނީ 27 އޯގަސްޓް 1979 ގައި ސީޝެލްސް އާއި އެކު، ރީޔުނިއަންގައި އޮތް އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައެވެ. މިމެޗުން ދިވެހިރާއްޖެ ބަލިވީ 9 ލަނޑު 0 ލަނޑުންނެވެ. އޭގެފަހުން ދިވެހިރާއްޖެ ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި ވިއްސަކަށް އަހަރު ތަޖުރިބާ ހޯދުމުގެ ނަމުގައި ހޭދަކުރުމަށްފަހު 1989 ވަނަ އަހަރު އިސްލާމް އާބާދުގައި އޮތް ސާފްގޭމްސްގައި ޖަރުމަނުވިލާތުގެ ޕިޓަރ އޮބަމަޔަރގެ އެހީތެރިކަމާއި އެކު ރާއްޖެ ދެއްކި ހިތްވަރު ގަދަ ކުޅުމާއި، އެހެންފަހަރުތަކުގައި ސަރަހައްދުގެ ޓީމުތައް އަތުން އެތައް ގޯލަކުން ބަލިވާ ދިވެހިންގެ ރޭވުންތެރިކަމުގެ ކުޅުމުން ސަރަހައްދުގެ އެހެނިހެން ޓީމްތައް ހައިރާންކުރުވިއެވެ.
މިމުބާރާތުގައި ނޭޕާލް އާއި އެއްވަރުކުރި މެޗާއި ޕާކިސްތާން އާއި އެކު ކުޅުނު މެޗްގައި ދިވެހީންގެ ކުޅުމުގެ ހުނަރު ފުރަތަމަ ފަހަރަށް ޓީމެއްގެ ސިފައިގައި ފެނިގެންދިޔައެވެ. އޭގެ 2 އަހަރުފަހުން ކޮލޮމްބޯ ސާފްގޭމްސްގެ ފުޓްބޯޅަ އިވެންޓްގެ ފައިނަލަށް ބައިކޮޅަށް ގޯލެއް ނުވަދެ ދިވެހިރާއްޖެ ދަތުރު ކުރުމުން ސަރަހައްދުގެ ވާދަވެރި ޤައުމުތަކުން ދިވެހިރާއްޖެ އަކީ ސަރަހައްދީ ފެންވަރުގައި ގަދަ ޓީމެއް ކަމަށް ޤަބޫލުކުރަން މަޖްބޫރުކުރުވިއެވެ. ފީފާގެ ދަރަޖަކުރުމުގައި ދިވެހިރާއްޖެ މިވަގުތު އޮތީ 153 ވަނައިގައެވެ.
"ކުޅެފިސާރި ޖޯޝުގައި ދިވެހިން މޮޅުވެއްޖެއްޔޯ" މިއީ 2008 ވަނަ އަހުރުގެ ސާފް ޗެންޕިއަން ތަށި ގައުމަށް ގެނައުމުން މުޅިގައުމު އެއްއަޑަކުން ގުގުމައިގެން ދިޔަ އަޑެވެ. "މަގޭ ގައުމު މަގޭޓީމް" ގޮތުގައި ދިވެހި ގައުމީ ޓީމު މި ފަހަރު ޗެލެންޖު ކަޕަށް ނުކުންނަނީ ސަރަހައްދީ ފެންވަރުގައި ރާއްޖޭގައި ބާއްވާ ދެވަނަ މުބާރާތުގެ ތަށިވެސް ދިވެހީންގެ ފަސްގަނޑުގައި ބެހެއްޓުމަށެވެ. ދިވެހިރާއްޖެއަށް މިފަހަރުގެ މުބާރާތުން ފުރަސަތު ލިބިފައިވަނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ. ޗެލެންޖްކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ތިން މެޗް ކުޅުނު އިރު އެއްމެޗުން މޮޅުވެ. ދެމެޗުން ބަލިވެ ދެގޯލް ޖަހައި ފަސްގޯލް ބައިކޮޅަށް ވަދެފައިވެއެވެ.
ދިވެހިރާއްޖޭގެ ޤައުމީޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި މެލޭޝިޔާގެ ޕީޑީއާރް އެމްއަށް ކުޅެމުން އަންނަ އަލީ އަޝްފާޤް (ދަގަނޑޭ) އެވެ. 2001 ވަނަ އަހަރު ވަރަށް ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ވެލެންސިއާގެ ފުޓްބޯޅަ ޓީމުން ދަނޑަށް ކުޅެން ނުކުތް އަލީ އަޝްފާޤަކީ މިސަރަޙައްދުގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ޔޫރަޕާއި އޭޝިޔާގެ ވަރުގަދަ ޓީމުތަކުން އަލީ އަޝްފާޤް އެ ޓީމުތަކަށް ގެންދަން މަސައްކަތް ކޮށްފައިވެއެވެ. މެލޭޝިޔާގެ ޕްރިމްއާ ލީގުގައި ފުޓްބޯޅަ ކުޅެމުން އަންނަ މިހުނަރުވެރި ކުޅުންތެރިޔާގެ ފައިގައި ބޯޅަ ޖެހިއްޖެ ނަމަ މިސަރަޙައްދުގެ ދިފާއީ ހުރިހާ ކުޅުންތެރިންހެން ޖެހިލުންވެއެވެ. ދަގަނޑޭގެ އެންމެ ފުރިހަމަ ކުޅުން ފެނިގެންދަނީ، ރުޅިމަޑުކޮށް ސިކުނޑީގެ ފުރިހަމަ ބޭނުންކުރުމާއި އެކު ހުނަރުވެރިކަން ކުރިއަށް ނެރޭ މުބާރާތްތަކުގައެވެ.
ސަރަހައްދީ ފުޓުބޯޅައިގައި "އަޔަން މޭން" ނުވަތަ "ދަގަނޑު މީހާ"ގެ ނަމުން މަޝްހޫރުވެފައިވާ އަލީ އަޝްފާޤްގެ އިތުރުން ދިވެހިރާއްޖޭގެ ފާހަގަކޮށްލެވޭ ފޯވަރޑުންގެ ތެރޭގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ހިމެނެ އެވެ. 1998 ގައި ގައުމީ ޓީމަށް ކުޅެންފެށި އޮއްޕޮ އަކީ ހުނަރާއި ބުންވަރާއި ތަޖުރިބާގެ ގޮތުން ދިވެހިޤައުމީ ޓީމްގެ ފޯވާރޑްލައިންގެ މައިނާރެވެ. ފޯވަރޑުންގެ ތެރޭގައި ހިމެނޭ މުހަންމަދު އުމައިރު އަކީ ވެސް ގޯލާއި ރައްޓެހި ފޯވާރޑެކެވެ.
ހަމަލާއަށް އިސްކަންދޭ ދިވެހި ޓީމުގެ ގޯލަށް އިދިކޮޅު ޓީމުތަކުން ކުރިމަތިކުރުވާ ހަމަލާތައް ދިފާއުކުރާނޭ ގޯލްކީޕަރަކީ 2000 ވަނަ އަހަރު ޤައުމީ ޓީމާއި ގުޅުނު އިމްރާން މުޙައްމަދެވެ. ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އިމްރާންގެ ކުޅަދާނަ ކުޅުމުގެ ސަބަބުން ދިވެހި ޤައުމީޓީމު ވަނީ އެތައް ކާމިޔާބެއް ހޯދާފައެވެ. އިމްރާނަކީ ސަރަހައްދީ ފެންވަރުގައި ވެސް މިހާރު ފާހަގަކޮށްލެވޭ ކީޕަރެކެވެ.
މިއަހަރުގެ މުބާރާތަށް ދިވެހިން ނުކުންނައިރު ދިވެހިރާއްޖެއަށް 2008 ވަނަ އަހަރު އިންޑިޔާ ބަލިކޮށް ސާފް ޗެމްޕިޔަންޝިޕްގެ ތަށި ހޯދައިދިން ގޯލްޖެހި ޒުވާން ވިންގް ކުޅުންތެރިޔާ މުޚުތާރު ނަޞީރު ނުފެންނާނެއެވެ. މުހުތާރް ވަނީ މި ފަހަރުގެ މުބާރާތް ފެށުމުގެ ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. މުޚުތާރުގެ ބަދަލުގައި ހަމަލާތަކުގައި ބައިވެރިވާނޭ ކަމަށް ބެލެވެނީ ޒުވާން ފޯވާރޑް ސެންޓޭ އެވެ.
ދިވެހިރާއްޖޭގެ ޓީމުގައި ފެންވަރާއި ހުނަރުގެ ގޮތުން ހަމަހަމަ ކުޅުންތެރިން ގިނަވުމުގެ ސަބަބުން އެކި ސިސްޓަމަށް ޓީމް އަތުރައިގެން ކުޅުވުމަކީ އުނދަގޫކަމަކަށް ނުވެއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޓީމުން އެންމެ ވަރުގަދަ ދިފާޢެއް ކަމަށް އަބަދުވެސް ބަލަނީ އިދިކޮޅު ޓީމަށް ކުރިން ހަމަލާ ދިނުމެވެ. މިކަމުގެ މޭސްތިރި އަކަށް ވާނީ ޝައްކެއް ވެސް ނެތް ގޮތުގައި ދަގަނޑޭއެވެ. ދިވެހިރާއްޖޭގެ ޓީމަށް އެންމެ ފުރިހަމަ ހަމަލާދޭ ކުޅުމެއް ކުޅެވިފައިވަނީ 4-2-3-1 ސިސްޓަމަށް ކުޅޭއިރުއެވެ. މިގޮތުން ފަހަތުގައި 4 ދިފާޢީ ކުޅުންތެރިން ތިބޭއިރު، މެދު ތެރޭގައި ބަކާ އާއި ކުޑައްޓޭ ދިފާޢު ކުރުމާއި ހަމަލާ އުފެއްދުމުގައި އިސްރޯލެއް އަދާކުރާނެއެވެ. އެންމެ ކުރިއަށް އުމައިރު ގޯލަށް ހަމަލާ ދޭނޭ ބޯޅައެއްގެ ދަހިވެތިކަމުގައި ހުންނައިރު، އުމައިރުގެ ފަހަތުން ފޯވަރޑަކަށް ހުންނާނީ އަލީ އަޝްފާޤް ކަމަށް ބެލެވެއެވެ. އަދި ސެންޓޭ އާއި ބޮކުރީ ދެފަރާތު އަރިމަތިން އުމައިރަށް ބޯޅަ ސަޕްލައި ކޮށްދޭއިރު، ގޯލް އޭރިޔާ ތެރެއިން ހުސްވާ ޖާގަތަކަށް ވަދެ، ނުރައްކާތެރި ކޮށްޓުން ތަކާއި އެކު އަލީ އަޝްފާޤްގެ ހަމަލާތައް އިދިކޮޅު ޓީމުތައް ސިއްސުވާލާނޭ ކަމަށް ބެލެވެއެވެ.
ދިވެހިޓީމުގެ އެންމެ ބޮޑު މައްސަލައަކަށް ގިނަފަހަރު ވެފައި އޮންނަނީ މުބާރާތާއި މެޗްތައް ފެށުމުގައި ހިތް އަވަސްވުމެވެ. މިގޮތުން ބައެއް ފަހަރު މުބާރާތެއްގެ ފުރަތަމަ މެޗު ކުޅޭނަމަ ދިވެހިޤައުމީ ޓީމަށް މެޗްގެ ކުޅުމުގެ ތެރެއަށް ވަދެވެނީ ފުރަތަމަ ހާފްގެ 30 މިނެޓް ހޭދަވާ ފަހުންނެވެ. ނަމަވެސް އަލީ އަޝްފާޤާއި، އޮއްޕޮ، އުމައިރު އަދި ސެންޓޭ ފަދަ ކުޅުންތެރީން އެމީހުންގެ އަސްލު ފެންވަރު ދައްކާލައިގެން ދޭހަމަލާތަކުގައި މިސަރަޙައްދުގެ އެންމެ ވަރުގަދަ ދިފާޢުތައް ވެސް ފޫއަޅާކަމަށް ބުނެވިދާނެއެވެ. މިއީ ޗެލެންޖްކަޕްގައި ރާއްޖެ ކުޅޭ ދެވަނަފަހަރެވެ.
ރާއްޖެއަކީ މި ފަހަރުގެ މުބަރާތް ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަބަޔަކު އިއްތިފާގުވާ ޓީމްވެސް މެއެވެ.