ސ. ހިތަދޫގައި ރުކަކުން ވެއްޓުނު ޒުވާނަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އިއްޔެ މެންދުރު 2:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 19 އަހަރުގެ ޒުވާނަކަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ކްރިޓިކަލް ކަމަށާއި ނަމަވެސް މިހާރު ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

އަދި ބޭރު ފުށުން އެއްވެސް ކަހަލަ ޒަހަމެއް ފެންނަން ނެތް ނަމަވެސް އޭނާގެ ބޮލަށް ގެއްލުންވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ އެ ހޮސްޕިޓަލުގައި ސާޖަންއެއް މިވަގުތު ނެތުމުން އަނިޔާވި ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަފްސާ ވިދާޅުވީ އެ ޒުވާނާގެ ހަށިގަނޑުގެ ބޭރުފުށުން ޒަހަމެއް ފެންނަން ނެތް ނަމަވެސް 20 ފޫޓުގެ ރުކަކުން ވެއްޓޭ އިރު އަނިޔާވާނެ ކަމަށް ބެލެވޭތީ އިތުރު ފަރުވާ އަށް ފުރުވާލުމަށް ޑޮކްޓަރު އިރުޝަދު ދެއްވީ ކަމަށެވެ.