19 May 2014, 09:26
މިއަދު މިވަނީ އާ އީދަކާއި ލައިގެންފައެވެ. މިއީ ގައުމީ އީދެކެވެ. މިއަދު މިގައުމަށް ނިސްބަތްވާ ކޮންމެ މީހަކުވެސް ކެތްމަދުވެ އިންތިޒާރު ކުރަމުންދާ އެއް ވަގުތަކީ ގައުމީ ޓީމުން މިރޭ އޭއެފްސީ ކަޕުގައި ފުރަތަމަ ކުޅޭ މެޗް ފަށާނެ ވަގުތަކަށެވެ. އެތައް ބައެއްގެ އިންތިޒާރަށް މިއަދު ނިމުން އަންނައިރު މިރޭގެ މެޗް ބެލުމަށް އެކި ފަރާތްތަކުން ވަނީ އެކި ގޮތްގޮތަށް ތައްޔާރުވެފަ އެވެ.
ބާރަވަނަ ކުޅުންތެރިޔާ ނުވަތަ ސަޕޯޓަރުންގެ އެހީއަށް އެދި ދިވެހި ގައުމީ ފުޓްބޯޅަ ޓީމުން އާދޭސް ކުރާއިރު މިރޭގެ މެޗަށާއި މި މުބާރާތުގައި ދިވެހިން ތަފާތު ގޮތްގޮތަށް އެ ސަޕޯޓް ދައްކާނެ ކަމާމެދަކު ޝައްކެތްނެތެވެ. އެއްބަޔަކު "ޕޮންޕޮން" ތައްޔާރު ކުރުމަށް އަވަދިނެތި އުޅޭއިރު އަނެއް ބަޔަކު ދަނީ ސަޕޯޓްކުރާއިރު ލާނެ ޓީޝާޓެއް ނުވަތަ ޖޯޒީއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަބަޔަކު އެންމެ ބޮޑު އިސްކަންދޭ އެއް ކަމަކީ ގައުމީ ޓީމަށް ސަޕޯޓްކުރާނެ ޖާޒީއެއް ހޯދުމަށެވެ.
ގައުމީ ޓީމަށް ސަޕޯޓު ކުރުމަށްލާނެ ޖާޒީއެއް ހޯދުމަކީ މިހާރު ފަސޭހަ ކަމެކެވެ. ސޯޝަލް ނެޓްވޯކްތަކާއި ގިނަ ފިހާރަތަކުން ވެސް ގައުމު ރަމްޒްކޮށް ދޭ ޖާޒީތައް ވަނީ ވިއްކަން ފަށާފަ އެވެ. ތަފާތު ގޮތް ގޮތަށް ހަދާފައިވާ އެކިއެކި ރަތް ޓީޝާޓްތައް ތަފާތު އަގުތަކުގައި ލިބެން އެބަހުއްޓެވެ. އެކި ޓީޝާޓްތައް ހަދާފައިވަނީ އެކިއެކި ޑިޒައިންތައް ބޭނުންކޮށްގެންނެވެ. އޭގެ ތެރެއިން ބައެއް ޖޯޒީ ތަކަކީ ގައުމީ ޓީމްގެ ޖޯޒީ އެވެ. އަނެއް ބައި ޓީޝާޓްތަކަކީ ދިވެހި ރާއްޖެ ނިސްބަތް ކޮށްދޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޖޯޒީތަކެވެ.
"އަޅުގަނޑުމެން މި ވަނީ މި ދުވަސް ވަރަށް ހާއްސަކޮށްގެން ރާއްޖެއިން ބޭރުން ޖޯޒީ ހައްދައިގެން ގެނެސް ވިއްކަން ފަށާފައި، ވަރަށް ތަރުހީބް ރަނގަޅު، ދެ ދުވަސް ތެރޭގައި 200 އަށް ވުރެ ގިނަ ޖޯޒީ ވިކިއްޖެ" މައި ކަންޓްރީ މައި ޓީމްގެ ނަމުގައި ފޭސްބުކްގައި ގައުމީ ޓީމަށް ސަޕޯޓްކުރަންލާނެ ޓީޝާޓް ވިއްކާ ގުރޫޕުގެ އިސް މީހަކު ބުންޏެވެ.

އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ޖޯޒީ ވިއްކަމުންދާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ސޮނީ ސްޕޯޓްސް އާއި މައި ކަންޓްރީ މައި ޓީމްގެ ނަމުގައި ފޭސްބުކްގައި ހިންގާ ގުރޫޕެއްގެ އިތުރުން ރެޑް ސުނެޕާސްގެ ނަމުގައި ވިއްކަމުންދާ ޖޯޒީތަކެވެ. އޭގެ ތެރެއިން ސޮނީ ސްޕޯޓްސް އިން ވިއްކަމުން ދަނީ ގައުމީ ޓީމްގެ ޖާޒީއެވެ. އެޖާޒީތަކަކީ ރަތާއި ހުދުކުލައިން ތައްޔާރު ކޮށްފައިވާ އެޑިޑާސް ބުރޭންޑްގެ ޖާޒީ އެވެ. އަދި ސޮނީން މީގެ ކުރިން ގައުމީ ޓީމް ބޭނުންކޮށްފައިވާ ޖާޒީތައް ވެސް ހެޔޮ އަގުގައި ވިއްކަމުންނެވެ. މައި ކަންޓްރީ މައި ޓީމްގެ ނަމުގައި ފޭސްބުކްގައި ހިންގާ ގުރޫޕުން ވިއްކަމުން ދަނީ މޭމަތީގައި "މޯލްޑިވުސް" ޖަހާފައިވާ ރަތްކުލައިގެ ޓީޝާޓް ތަކެކެވެ. އަދި ރެޑް ސްނެޕާސް އިން ވިއްކަމުން ދަނީ ޓީޝާޓްގެ މޭމަތީގައި "ރެޑް ސުނެޕާސް" ލިޔެފައިވާ އަދި ލޯގޯއަކަށް މަހެއް ބޭނުން ކޮށްފައިވާ ރަތް ކުލައިގެ ޓީޝާޓެކެވެ.

ސޮނީ ސުޕޯޓުސް އިން ގައުމީ ޓީމު އާ ޖޯޒީގެ ބޮޑެތި މީހުންގެ ސައިޒްތައް 495ރ. އަށް ވިއްކާއިރު ޖޫނިއާ ސައިޒްތައް ވިއްކަނީ 395ރ. އަށެވެ. މައި ކަންޓްރީ މައި ޓީމްގެ ނަމުގައި ފޭސްބުކްގައި ހިންގާ ގުރޫޕުން 350ރ. އަށް ޖޯޒީއެއް ވިއްކާއިރު ރެޑް ސުނެޕާސް އިން ޓީޝާޓެއް ވިއްކަމުން ދަނީ 200ރ. އަށެވެ.
"އަޅުގަނޑުމެންނަކަށް ނޭންގެ ވަކި ދައްނަވާކަށް ކިހާ އަދަދެއްގެ ޖޯޒީއެއް ކަމެއް ވިކުނީކީ ނަމަވެސް މިހާތަނަށް ވަނީ ޖޯޒީ ތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި، ވަރަށް ގިނަ ޖޯޒީތައް ވިކުނު" ސޮނީ ސްޕޯޓްސްގެ އެސިސްޓެންޓް ސޭލްސް އެންޑް މާކެޓިން މެނޭޖަރު އައިމިނަތު ޔުސްރާ ވިދާޅުވި އެވެ.

އިސްވެ މިފާހަގަކުރި ވިޔަފާރިތައް ފިޔަވައި އެހެނިހެން ފަރާތްތަކުން ވެސް ދަނީ ގައުމީ ޓީމް ރަމްޒުކޮށްދޭ ޓީޝާޓްތައް ވިއްކަމުންނެވެ. މަޖީދީމަގާއި މާލޭގެ ގިނަ ފިހާރަތައް މިހާރު ވަނީ ގައުމު ނިސްބަތް ކޮށްދޭ އަންނައުނު ތަކުން ޖަރީކޮށްފަ އެވެ. އޭގެ ތެރޭގައި ދެ ޖިންސުގެ އެކި އުމުރު ފުރާތަކުގެ މީހުނަށް ހާއްސަ އަންނައުނުތައް ހިމެނެ އެވެ.
ވަގުތު ދަނީ ކުޑަތަން ވަމުންނެވެ. މިރޭ 9:00 ޖެހުމާއެކު އޭއެފްސީ ކަޕުގައި ގައުމީ ޓީމް ކުޅޭ ފުރަތަމަ މެޗް ކުޅެން ފެށޭނެ އެވެ. ގިނަ ސޯޝަލް ނެޓްވޯކްތަކުގައި މިއަދު އެންމެ ބޮޑަށް ނަގަމުންދާ އެއް ފޯރިއަކީ ގައުމު ނިސްބަތްކޮށްދޭ ހެދުމެއް ލައިގެން މިރޭ ގައުމީ ޓީމަށް ސަޕޯޓްކުރުމުގެ ފޯރި އެވެ.