19 May 2014, 09:24
ބާލިން (މޭ 19) : ކުރީގެ ސޮވިއެޓް ޔުނިޔަންގައި ހިމެނުނު ބޯލްޓިކް ގައުމުތަކާ ދެކޮޅަށް ރަޝިޔާ އިން ޢަސްކަރީ އެއްވެސް ހަރަކާތެއް ހިންގައިފި ނަމަ އެގައުމުތަކުގެ ދިފާޢުގައި ރަޝިޔާއާ ދެކޮޅަށް، ނޭޓޯ އަށް މާބޮޑުކަމެއް ނުކުރެވޭނެ ކަމަށް ނޭޓޯގެ ބައެއް އަސްކަރީ ތަޖްރިބާކާރުންނާ ހަވާލާދީ ޖަރުމަނުވިލާތުގެ ދީރްޝްބީގަލް މަޖައްލާ ބުނެފި އެވެ.
އެމަޖައްލާގެ އެންމެ ފަހު އަދަދުގައި ބުނެފައި ވަނީ ބޯލްޓިކްގެ ތިން ގައުމު ކަމަށްވާ އިސްޓޯނިޔާ، ލިޓުއޭނިޔާ އަދި ލެޓްވިޔާގައި ނޭޓޯގެ ކިތަންމެ ބޮޑު ލަޝްކަރެއް ރުކުރުވާލި ނަމަވެސް ރަޝިޔާގެ މައްޗަށް އަސްކަރީ ގޮތުން ކާމިޔާބު ހޯދުމުގެ ގާބިލްކަން އެލަޝްކަރުގައި ނުހުންނާނެ ކަމުގަ އެވެ. އެމެރިކާ އިން ވަނީ ޔޫރަޕްގެ އިރުމަތީގައި ނޭޓޯގެ އަސްކަރީ ބާރު ގަދަކުރުމުގެ ނަމުގައި އިސްޓޯނިޔާ، ލިޓުއޭނިޔާ، ލެޓްވިޔާ އަދި ޕޮލެންޑަށް ޒަމާނީ ހަތިޔާރާ އެކު 600 ސިފައިންގެ ލަޝްކަރެއް ފޮނުވާފަ އެވެ.
ނޭޓޯގެ ޢަސްކަރީ ރޭވުންތެރިކަމާ ބެހޭ ކޮމިޓީގެ ތަޖްރިބާކާރުންގެ ރިޕޯޓަކާ ހަވާލާދީ ދީރްޝްބީގަލް މަޖައްލާ ބުނެފައި ވަނީ ރަޝިޔާއަކީ އެއްވެސް އިންޒާރަކާ ނުލައި ނޭޓޯ އަށް ޢަސްކަރީ ގޮތުން ގޮންޖަހާލެވޭ ފަދަ ބާރުގަދަ ހާލަތެއްގައޮ އޮތް ގައުމެއް ކަމަށާއި ޢަސްކަރީ ގޮތުން ރަޝިޔާއާ ކުރިމަތިލާން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއް ކަމުގަ އެވެ. ޔުކްރޭންގެ މައްސަލައާ ގުޅިގެން އެމެރިކާ ސިފައިން ވަނީ ޔޫރަޕްގެ އިރުމަތީގައި ނޭޓޯގެ އަސްކަރީ ބާރު ގަދަކުރުމަށް ޓަކައި ރަޝިޔާގެ އަވަށްޓެރި ގައުމެއް ކަމަށްވާ ޕޮލެންޑަށް ބަރުހަތިޔާރު ފޮނުވައި ޕޮލެންޑް ސިފައިންނާ އެކު ޢަސްކަރީ ތަމްރީންތަކެއް ވެސް ކުރިޔަށް ގެންގޮސްފަ އެވެ. (ރޮއިޓާސް)