19 May 2014, 09:19
ދިމިޝްގު (މޭ 19) : ސޫރިޔާގެ ވައިގެ ސިފައިންގެ ކޮމާންޑަރު ޖެނެރަލް ޙުސައިން އިސްހާގް އަވަހާރަ ކޮށްލައިފި ކަމަށް އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިން ބުނެފި އެވެ.
ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނޭ އިސްލާމިކް އެލަޔަންސުން ބުނީ ޖެނެރަލް ޙުސައިން އިސްހާގް އަވަހާރަކޮށްލާފައި ވަނީ އެގައުމުގެ އިރުމަތީގެ މަލީހާ ސަރަހައްދުގައިވާ އިދިކޮޅު ހަނގުރާމަވެރިންގެ މަރުކަޒުތަކަކަށް އަމާޒުކޮށް ސޫރިޔާ ސިފައިން ހިންގި ޢަސްކަރީ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ގެންދަވަނިކޮށް ކަމުގަ އެވެ. ޖެނެރަލް އިސްހާގް އަވަހާރަވި ގޮތުގެ ތަފްސީލް ސޫރިޔާގެ އިދިކޮޅު އިސްލާމިކް އެލަޔަންސުން ހާމަކޮށްފައެއްނުވެ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ ޖަމާއަތެއް ކަމަށްވާ ސީރިޔަން އޮބަޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް އިންވެސް ވަނީ ޖެނެރަލް އިސްހާގް އަވަހާރަވިކަން ކަށަވަރުކޮށްދީފަ އެވެ. ޖެނެރަލް އިސްހާގް އަވަހާރަވިކަން ނުވަތަ ނޫންކަން ސޫރިޔާ ސަރުކާރުން ހާމަކޮށްފައިނުވި ނަމަވެސް ރައީސް ބައްޝާރުލްއަސަދަށް ތާއީދުކުރާ ސޫރިޔާގެ ވެބްސައިޓްތަކުން ވަނީ ޖެނެރަލް އިސްޙާގް އަވަހާރަވިކަން ކަށަވަރުކޮށްދީފަ އެވެ. އެސައިޓްތައް ބުނާ ގޮތުން ސޫރިޔާ ސިފައިން މަލީހާގައި ހިންގި ޢަސްކަރީ އޮޕަރޭޝަނާ ދެކޮޅަށް އިދިކޮޅު ހަނގުރާމަވެރިންދިން ކުއްލި ހަމަލާތަކެއްގައި ޖެނެރަލް އިސްޙާގާއި ސޫރިޔާ ސިފައިންގެ 34 މީހުން ވަނީ މަރުވެފަ އެވެ.
ސޫރިޔާގައި ހިނގާ ދާޚިލީ ހަނގުރާމައިގާ ރައީސް ބައްޝާރުލް އަސަދުގެ ޢާއިލާގެ ބައެއް ބޭފުޅުންނާއި އޭނާގެ ސަރުކާރުގެ އިސްބައެއް ބޭފުޅުންނާއި ސިފައިންގެ އިސްބައެއް ޖެނެރަލުން ވަނީ އަވަހާރަވެފަ އެވެ. ރައީސް ބައްޝާރުގެ ބޮޑުބޭބެގެ ދަރިކަލުން އަދި ސޫރިޔާ ސިފައިންގެ އިސް ކޮމާންޑަރެއް ކަމަށްވާ ހިލާލުލް އަސަދު ވެސް ސޫރިޔާގެ ލާޛިގިއްޔާއަށް އިދިކޮޅު ހަނގުރާމަވެރިން ދިން ޙަމަލާތަކެއްގައި މީގެ ދެމަސްކުރިން ވަނީ އަވަހާރަވެފަ އެވެ. (ރޮއިޓާސް)