މިއަދު ހަވީރު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕްގެ މެޗްތަކުގެ ޓިކެޓް ނުއަގުގައި ކަޅުބާޒާރުގައި ވިއްކަމުން ދިޔަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 10:30 ކަންހާއިރު އެ މީހާ ހައްޔަރު ކޮށްފައި ވަނީ އޮލިސްޕަސް ކައިރިން ނުއަގުގައި ޓިކެޓް ވިއްކަމުން ދަނިކޮށް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ހަމައެކަނި ފުލުހުން ބުނީ އެ މީހާއަކީ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ގޮތުގައި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ބަލާފައި ފާސްކުރިއިރު އޭއެފްސީ ޗެލެންޖު ކަޕްގެ ގިނަ މެޗްތަކުގެ ވަރަށް ގިނަ އަދަދެއްގެ ޓިކެޓްތަކެއް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، އަދި އޮންލައިން ވިޔަފާރި ކުރާ ވެބްސައިޓް މެދުވެރިކޮށް ނުއަގުގައި އޭއެފްސީ ޗެލެންޖު ކަޕުގެ ޓިކެޓް ވިއްކާނަމަ އެކަން ކުރަނީ ކޮންބައެއްތޯ ބަލައި، އެބަޔަކާމެދު ގާނޫނުގައިވާ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޗެލެންޖު ކަޕުގެ މެޗުތައް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ ވަގުތު ދަނޑުގެ ބޭރުގައި ނުއަގުގައި ޓިކެޓް ވިއްކާ ފަރާތްތައް ހޯދުމަށް ފުލުހުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ކަޅުބާޒާރުގައި ޓިކެޓް ވިއްކުމުގެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅާނެ" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޓިކެޓުގެ ބްލެކް މާކެޓް އެންމެ ބޮޑަށް ފުޅާވެގެންދަނީ މެޗު ކުޅޭ ދުވަހު އެވެ. ރާއްޖޭގައި ކުރިން ބޭއްވި އެފަދަ ބޮޑު މުބާރާތްތަކުގައި އެ ވިޔަފާރިކޮށް އުޅުނީ އެގޮތަށެވެ. ސާފު ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ މެޗުތަކުގެ ޓިކެޓް އެފްއޭއެމުން ވިއްކައި ހުސްވުމާއެކު ބޮޑު އަގުގައި ޓިކެޓު ވިއްކަން މީހުން ނުކުތީ މަގުމައްޗަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގެ ހުންނަ ސަރަހައްދުގެ ކަންކަން މައްޗަށެވެ.