ސާދަ ޕަސެންޓަށް ތެޔޮ ޚަރަދުކުޑަކޮށްދޭ ސުޒުކީ ބްރޭންޑްގެ 300 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް އެމްޓީސީސީ އިން މިއަދު ތައާރަފް ކޮށްފިއެވެ.

ހުޅުމާލޭގައި އިއްޔެއިން ފެށިގެން ކުރިޔަށް ގެންދާ މޯލްޑިވްސް މެރިން އެކްސްޕޯ ގައި "DF300AP" ގެ ނަމުން ނަންދީފައިވާ އެ އިންޖީނު އިފްތިތާހުކޮށްދެއްވީ ސީއެމްޑީއޭގެ ބޯޑް މެންބަރު އާތިފް ޝަކޫރު އެވެ.

އެމްޓީސީސީ އިން މިއަދު މާކެޓަށް ތައާރަފްކުރި ސުޒުކީ ބްރޭންޑްގެ އެ އައުޓްބޯޑް އިންޖީނަކީ ސުޒުކީގެ އެހެން އިންޖީނުތަކުގައިވާ ސިފަތަކުގެ އިތުރަށް ފަހުގެ ޓެކްނޮލޮޖީގެ އެހީ ބޭނުންކޮށްގެން އުފައްދާފައިވާ އިންޖީނެކެވެ.

އެގޮތުން އެ އިންޖީނުގައި ހިމެނޭ ޚާއްސަ އެއްކަމަކީ އިންޖީނުގެ ގިޔަރު، ކަނާތު ގިޔަރާއި ވައަތު ގިޔަރަށް އިންޖީނުގައިވާ ސިސްޓަމެއްގެ އެހީގައި ބަދަލުކުރެވޭ ކުރުމެވެ. އެގޮތަށް ގިޔަރު ބަދުކުރެވޭ އިންޖީނު އެންމެ ފުރަތަމަ ތައާރަފް ކޮށްފައި ވަނީ ސުޒުކީން ކަމަށް ވާއިރު އެ އިންޖީނު ވަނީ ނޭޝަނަލް މެރިން މެނުފެކްޗަރާސް އެސޯއިއޭޝަންގެ އިނޮވޭޝަން އެވޯޑް ވެސް ހާސިލް ކޮށްފައެވެ.

އިންޖީނު ހިއްލާލުމުން ވެސް އިންޖީނަށް ފަސޭހައިން ފެން ލިބޭގޮތަށް ފަރުމާކޮށްފައިވާ 300 ހޯސްޕަވަރުގެ އެ އައުޓްބޯޑު އިންޖީނުން ކުރީގެ އިންޖީނުތަކާ އަޅާ ބަލާއިރު 14 ޕަސެންޓް ތެޔޮ ޚަރަދު ކުޑަކޮށްދޭ އިރު، މާކެޓްގައި ލިބެންހުރި އެހެން އައުޓްބޯޑް އިންޖީނު ތަކާ އަޅާބަލާއިރު އެ އިންޖީނުގެ އަގުވެސް ހެޔޮވާނެކަމަށް ސުޒުކީ އިން ބުންޏެވެ.