ޓްރިޕޮލީ (މޭ 18): ލީބިޔާގެ ލިބެރަލް ފިކުރުގެ ހަނގުރާމަވެރި ޖަމާއަތަކުން ލީބިޔާގެ ޕާލަމެންޓަށް ގަދަބާރުން ވަދެގަނެ އެތަނުގައި ހުޅުޖަހައިފި އެވެ.

ޓްރިޕޮލީން ލިބޭ ޚަބަރުތައް ބުނާގޮތުން ލީބިޔާ ސިފައިންގެ ބާރުތަކާއި ޕާލަމެންޓަށް ވަދެ އެތަނުގައި ހުޅުޖެހި ހަނގުރާމަވެރިންނާ ދެމެދު ދަނީ ވަރުގަދައަށް ޙަމަލާތައް ބަދަލު ކުރަމުންނެވެ.

ހުޅަނގަށް ތާއީދުކުރާ ހަތިޔާރުއެޅި ލީބިޔާގެ ޖަމާއަތެއް ކަމަށްވާ ޖެނެރަލް ޚަލީފާ ހަފްތަރުގެ ޖަމާއަތުގެ ތަރްޖަމާނަކު ބުނީ ވެރިރަށް ޓްރިޕޮލީގައި ހުންނަ ލީބިޔާގެ ޕާލަމެންޓަށް ހަތިޔާރާއެކު ވަދެގަތީ އެޖަމާއަތުގެ ހަނގުރާމަވެރިން ކަމަށާއި މިކަމުގެ ބޭނުމަކީ ޕާލަމެންޓްގައި ތިބި އިސްލާމީ ފިކުރުގެ ސިޔާސީ ފަރާތްތައް އެތަނުން ބޭރުކޮށް ލީބިޔާއަކީ ތަކްފީރީ ޖަމާއަތްތަކުން މިނިވަންވެފައިވާ ގައުމަކަށް ހެދުންކަމުގައެވެ.

ލީބިޔާ ސިފައިންގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ޚަލީފާ ހަފްތަރަކީ އަވަހާރަކޮށްލާފައިވާ އެގައުމުގެ ކުރީގެ ޒައީމް ކާނަލް މުޢައްމަރުލް ގައްޒާފީގެ ވެރިކަމުގެ ދުވަސްވަރުގައިވެސް އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ)ގެ އެޖެންޓެއް ކަމަށް ތުހުމަތު ކުރެވިގެން މަގާމުން ދުރުކޮށްފައިވާ ޖެނެރަލެކެވެ. އެހެންކަމުން ގައްޒާފީގެ ފިއްތުންތައް ބޮޑުކަމުން އޭނާގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ޖެނެރަލް ހަފްތަރު ދިރިއުޅުއްވަމުން ގެންދެވީ އެމެރިކާގައެވެ. ގައްޒާފީއާ އިދިކޮޅު ފަރާތްތައް ގުޅިގެން އޭނާގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލުމާއެކު ޖެނެރަލް ހަފްތަރު ވަނީ އެނބުރި ލީބޔާއަށް ވަޑައިގެން އޭނާއަށް ތާއީދުކުރާ އިލްމާނީ ފިކުރުގެ ހަނގުރާމަވެރިންނާއެކު ހަތިޔާރުއެޅި ޖަމާއަތެއް އުފައްދާފައެވެ. މިޖަމާއަތް ބަރުހަތިޔާރާއެކު ކުއްލިއަކަށް މިދިޔަ ހަފްތާގައި ލީބިޔާގެ މަސްރަހުންވަނީ ފާޅުވެފައެވެ.

ރިޓަޔަޑް ޖެނެރަލް ޚަލީފާ ހަފްތަރުގެ ޖަމާއަތުން ފާއިތުވެދިޔަ ދެތިން ދުވަހު ވަނީ ލީބިޔާގައި ހަރަކާތްތެރިވާ އިސްލާމީ ސަލަފީ ފިކުރާއި އިޚްވާނުލްމުސްލިމީން ފިކުރުގެ ހަތިޔާރުއެޅި ޖަމާއަތްތަކާ ދެކޮޅަށް ބަރުހަތިޔާރާއެކު ނުކުމެ ވަރުގަދައަށް ހަނގުރާމަކުރަން ފަށައިފައެވެ. ހަފްތަރުގެ ލިބެރަލް ފިކުރުގެ ހަތިޔާރުއެޅި ޖަމާއަތާއި އެޖަމާއަތާ އިދިކޮޅު އިސްލާމީ ފިކުރުގެ ޖަމާއަތްތަކާ ދެމެދު ލީބިޔާގެ ދެވަނަ ސިޓީ ކަމަށްވާ ބެންގާޒީގައި ބަދަލުކުރަމުން ގެންދާ ވަރުގަދަ ޙަމަލާތަކުގައި ފާއިތުވި ދެ ދުވަހުގެ ތެރޭގައި 70 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ލީބިޔާގައި މިހާރު ވެރިކަން ކުރާ ސިޔާސީ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ހުޅަނގުގެ ލިބެރަލް ފިކުރުގެ ސިޔާސީ ފަރާތްތަކުގެ ތެރެއިން މެދުމިނުގެ ފަރާތްތަކާއި އިސްލާމީ ސިޔާސީ ފިކުރުގެވެސް މެދުމިނުގެ ފަރާތްތަކެވެ. މިދެފިކުރަށް ނިސްބަތްވާ ސިޔާސީ ފަރާތްތައް ގެންދަނީ ގައުމުގެ މަސްލަހަތަށްޓަކައި ގުޅިގެން މަސައްކަތް ކުރަމުންނެވެ. މިދެފިކުރަށް ނިސްބަތްވާ ލީބިޔާގެ ސަރުކާރުގެ ސިފައިން ގެންދަނީ އިސްލާމީ ސަލަފީ އަދި އިޚްވާން ފިކުރުގެ ހަނގުރާމަވެރި ޖަމާއަތްތަކާއެކު ޖެނެރަލް ހަފްތަރުގެ ހަރުކަށި ޚިޔާލުގެ ހަނގުރާމަވެރިންނާ ކުރިމަތިލަމުންނެވެ.

ލީބިޔާ ސަރުކާރުން ވަނީ ޖެނެރަލް ހަފްތަރު މަސައްކަތް ކުރައްވަނީ އަމިއްލައަށް ސަރުކާރެއް އުފައްދައި ލީބިޔާއަށް އިންގިލާބެއް ގެނައުމަށް ކަމަށް ސިފަކޮށް އޭނާގެ ސަބަބުން ލީބިޔާގައި ދާޚިލީ ހަނގުރާމައެއް ފެށެމުންދާ ކަމަށް ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޖެނެރަލް ހަފްތަރުގެ ހަނގުރާމަވެރިންގެ ތެރޭގައި ގިނައީ ރޫޅިގެންދިޔަ ލީބިޔާ ސިފައިންގެ ކުރީގެ ލަޝްކަރުތަކުގައި ހިމެނޭ ރަނގަޅަށް ތަމްރީން ލިބިފައިވާ ޕްރޮފެޝަނަލް ސިފައިންނެވެ. އެމީހުންގެ އަތުގައި ޢަސްކަރީ ހެލިކޮޕްޓަރާއި ޢަސްކަރީ ފައިޓަރ ޖެޓްވެސް ހުރިކަމަށް ވެއެވެ.

ހަފްތަރުގެ ޖަމާއަތުން ފާއިތުވި ދެދުވަހުގެ ތެރޭގައި ބެންގާޒީއަށް ދިން ވައިގެ ޙަމަލާތަކުގައި ޢަސްކަރީ ފައިޓަޖެޓްވެސް ބޭނުންކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. (ނޫސްއެޖެންސީތައް)