އޮޑިދޯނި ފަހަރު ބަނުމުގެ ސިނާއަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އަންނަނީ މަސްވެރިކަމާއި ފަތުރުވެރިކަމުން ކަމަށާއި، އެ ދެ ދާއިރާގައި ވެސް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރިކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ލިވަބޯޑް އެސޯސިއޭޝަނުން އިންތިޒާމްކޮއްގެން ރާއްޖޭގައި ދެވޭ ފުރަތަމަ ބޯޓިންގް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ ފަތުރުވެރިކަމުގައި މިއަދު ބޭނުން ކުރަމުން އަންނަ ބޯޓު ފަހަރުތަކާއި ސަފާރީތަކުން ދައްކައިދެނީ މުޅި ޓޫރިޒަމް އިންޑަސްޓްރީ ނުވަތަ ޖުމްލަކޮށް މުޅި ރާއްޖޭގެ އިގްތިސާދުގެ މޫނުމަތި ކަމަށެވެ.

އަމީން ވިދާޅުވީ، ފަތުރުވެރިކަމުގައި ބޭނުން ކުރަމުން އަންނަ އުޅަނދުތަކުން މުޅި ރާއްޖޭގެ އިގްތިސާދު ރަމްޒުކޮށްދޭ ކަމަށާއި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަށް ފުރިހަމައަށް އަޅަންޖެހޭ ކަމަށެވެ. އަދި އެއިން އުޅަނދަކަށް ރަނގަޅަށް ދިމާވާ ކޮންމެ ކަމަކާއި ގޯސްކޮށް ދިމާވާ ކޮންމެ ކަމެއް މުޅި ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ މުޅި ސިނާއަތާ ގުޅިފައި ވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ހުރިހާ އުޅަނދެއް މިވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅިފައި. އޭގެ ސަލާމަތީ ފިޔަވަޅުތަށް ބަރާބަރަށް އަޅަން އެބަޖެހޭ. އެއީ އޭގަ ދަތުރުކުރާ ފަތުރުވެރިއަކަށް ގެއްލުމެއް ވެއްޖެނަމަ އޭގެ ނޭދެވޭއަސަރު މުޅި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަދި މުޅި އިގްތިސާދަށް ކުރާނެ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ސަފާރީފަދަ ތަކެތި ބަނުމުގައި މަސައްކަތް ކުރާ މީހުންނަކީ އެކަމުގެ ފުރިހަމަ ތަމްރީނުތަށް ލިބިފައި ތިބި ބަޔަކަށް ވާންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.