ދިރާގު ނެޓްވޯކުގެ ދަށުން ރާއްޖޭގެ ހިންގާ ވެބް ސައިޓްތައް މިއަދު މެންދުރު ފަހުން ފެށިގެން މެދުކެނޑިގެން ދިޔައީ ނެޓްވޯކަށް ބަޔަކު "ހަމަލައެއް" ދިނުމާ ގުޅިގެން ކަމަށް ދިރާގުން ބުނެފި އެވެ.


ދިރާގު މެނޭޖާ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ވިދާޅުވީ ދިރާގުގެ ނެޓްވޯކަށް އާންމުކޮށް އެކި ލެވެލްތަކުގައި ހަމާލާ އަންނަ ކަމަށާއި ނެޓްވޯކަށް މިއަދު އައި ހަމަލާ އަކީ ވެސް އެފަދަ ހަމަލާއެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން މިއަދު ވެބްސައިޓްތަކަށް ދިމާވި މައްސަލަ މިހާރު ހައްލު ކުރެވިފައިވީ ނަމަވެސް ކުރިއަށް އޮތް ތާގައި އެފަދަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.


"އެފަދަ އެޓޭކްތަކަކީ އާންމު ކަމެއް. މިއަދު ދިމާވި މައްސަލަ މިވަގުތު ހައްލު ކުރެވުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ އެޓޭކެން އަތުވެދާނެ ކަމަށް އަޅުގަނޑުމެން އަބަދުވެސް ބަލަބަލާ މިތިބީ." މިރުޝާން ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ އިންޓަނެޓް މެދުވެރިކޮށް ދިރާގު ނެޓްވޯކަށް ދިން "ޑީޑޮސް އެޓޭކް" އަކީ ރާއްޖެއިން ބޭރުން ބަޔަކު ދިން ހަމަލާއެއް ކަމެއް، އަދި ރާއްޖޭގެ ބަޔަކު ދިން ހަމަލާއެއް ކަމެއް ކަމަށް އެނގިފައި ނުވާ ކަމަށެވެ. އަދި އެފަދަ "އެޓޭކް" ތަކަކީ އިންޓާނޭޝަނަލް ވެބް ސާވިސް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކެއް ކަމަށް މިރުޝާން ވިދާޅުވި އެވެ.


ދިރާގަށް ދިން ހަމަލާއާ ގުޅިގެން މިއަދު މެންދުރު ފަހު ސަން އޮންލައިންގެ ހަބަރުތައް ފޯރުކޮށް ދިނުން ވެސް ގިނަ އިރުތަކެއް ވަންދެން ވަނީ މެދުކެނޑިފަ އެވެ.