ސަރުކާރުގެ އާމްދަނީ ރަނގަޅުވުމާ އެކީ ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

މިރޭ ނަސަންދުރާ ޕެލެސް ހޮޓެލްގައި އަތޮޅުތަކުގެ ސްކޫލްތަކުގެ އިސްވެރީންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ، އާމްދަނީ ރަނގަޅުވުމާ އެކީ ސަރުކާރުން ދެން އެންމެ އަވަހަށް ކުރާނެ ކަމަކީ ޓީޗަރުންގެ މުސާރަ އަލުން މުރާޖާކުރުން ކަމަށެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ވައުދުވަން އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދެންކުރާ އެންމެ މުހިންމު މަސައްކަތުގެ ތެރޭގައި ސަރުކާރުގެ އާމްދަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅުވުމާ އެކީގައި ލަސްތަކެއް ނުވެ އަޅުގަނޑު ތިޔަ ބޭފުޅުންގެ މުސާރަ އިރާދަކުރެއްވިއްޔާ އަލުން އެއަށް ޒިއާރަތްކޮށް އެ މުސާރައިގެ މިންވަރު އުފުލާލާނެ ކަމުގެ އުފާވެރި ޚަބަރު ތިޔަ ބޭފުޅުންނަށް އަރުވަން،" ނާއިބް ރައީސް ވިދާޅުވި އެވެ.

ނާއިބު ރައީސް ވިދާޅުވީ މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ތައުލީމީ ދާއިރާ އަށް ހުރި ގޮންޖެހުންތައް ހައްލުކުރުން ހިމެނޭ ކަމަށާއި އެގޮތުން ބައެއް ގޮންޖެހުންތައް މިހާރު ވެސް ހައްލުކޮށްދީފައިވާ ކަމަށެވެ.

"އިތުރު ގަޑިއަށް މީގެކުރިން ލިބެމުން އައި މިންވަރު ފަސް ޕަސެންޓުގައި އޮއްވާ 10 ޕަސެންޓަށް ބޮޑުކޮށްލަ ދިނީ. އަދި ހަމައެއާ އެކީގައި ޕޭލީވްގައި ކިޔަވަން ދެވޭގޮތް ހަމަޖައްސައި ދިނިން،" ނާއިބް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް ޑޮކްޓަރުންނާއި އެކައުންޓެންޓުން ފަދަ މީހުން ބޭނުންވެގެން އުޅޭއިރު އެކަމުގެ ފެށުން އޮތީ ޓީޗަރުންގެ އަތްމަތީގައި ކަމަށާއި، އެފަދަ މީހަކަށް ވުމުގެ ބިންގާ އަޅައިދެނީ ޓީޗަރުން ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ދަތިހާލުގައި މިއަދާހަމައަށް ޓީޗަރުން ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ އަގުނުކުރެވޭފަދަ ކަންތައްތަކެއް ކަމަށެވެ.

ނާއިބް ރައީސް ވިދާޅުވީ އެއްވެސް މުޖުތަމައުއެއްގައި މުދައްރިސުންނާއި ޕްރިންސިޕަލުންނަށްވުރެ ބާރުވެރި ބަޔަކު ނުތިބޭނެ ކަމަށާއި ސިޔާސީ ވެރީންނާއި މި މުޖުތަމައުގައި ބާރުގަދަ ކަމަށް ބުނާ ފަރާތްތަކުން ވެސް އެ ހަގީގަތް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވަރަށް ބޮޑަށް ތަނަވަސް ބޭފުޅުން ތިމަންނާމެން ނޫން އެހެންބަޔަކު ތިބެގެން ނުވާނެ ކަމަށް ހީކުރާ ކަމަށާއި އެފަދަ ބަޔަކު މި މުޖުތަމައުގައި ވެސް ހަރަކާތްތެރިވެދާނެ ކަމަށެވެ.

"ބާރުގަދަ ކަމަށް ހިވާ ޚަބަރު ފަތުރާ ވަސީލަތްތަކާ އެހެނިހެން ވަސީލަތް ތިއްބަވާ ބޭފުޅުންނަށް ހީވޭ ތިމަންނަމެން ނޫން އެހެން ބަޔަކު ތިބެގެން ނުވާނޭ. އެގޮތަށް ތިބޭ ބަޔަކު ތިބެގެން ނުވާނެ ކަމަށް އެގޮތަށް ތިބޭބަޔަކު ހަރަކާތްތެރިވެދާނެ ތިބޭފުޅުން ތިބޭ މުޖުތަމައުގައި ވެސް،" ނާއިބް ރައީސް ވިދާޅުވި އެވެ.