ހިތަދޫ ޒޯން ސްޓޭޑިއަމްގެ ނަމުގައި މިހާތަނަށް ބޭނުންކުރަމުން އައި ފުޓްބޯޅަ ދަނޑު، "އައްޑޫ ފުޓްބޯޅަ ދަނޑު"ގެ ނަމަށް ރީބްރޭންޑްކޮށް ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.

ރާއްޖޭގައި މާދަމާ ފަށާ އޭއެފްސީ ޗެލެންޖް ކަޕަށް، އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އަޕްގްރޭޑްކޮށްްފައިވާ މި ސްޓޭޑިއަމް ރަސްމީކޮށް ހުޅުއްވައިދެއްވީ، އެ ދަނޑުގައި މިރޭ ކުރިއަށްދާ ކުލަގަދަ ރަސްމިޔާތުގެ ޝަރަފްވެރި މެހެމާން، ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް އެވެ.

ރައީސް މައުމޫންގެ ދައުރުގައި 1997 - 2001 އަށް ހިތަދޫގައި ތަރައްގީ ކުރި ޒޯން ސްޓޭޑިއަމް މިފަހަރުގެ ޗެލެންޖު ކަަޕަށް ތަރައްގީކޮށް ނިމުނުއިރު އެ ދަނޑުގެ، ސިޑިބަރި ދެ ފަރާތުން ބޮޑުކޮށް، ސިޑިބަރީގެ ދަށުގައި އެކިއެކި ކަންކަމަށް ބޭނުން ކުރާނެ ރޫމްތައް ވަނީ ހަދައިފަ އެވެ. އަދި ދަނޑުގައި ވަނީ ސްރީލަންކަ ސަރުކާރުގެ ޚަރަދުގައި އެންމެ ޒަމާނީ ފެންވަރުގެ ލައިޓިން ސިސްޓަމެއް ހަރުކޮށްފަ އެވެ.

އައްޑޫ ފުޓްބޯޅަ ދަނޑާއި ގައުމީ ފުޓްބޯޅަ ދަނޑު މަރާމާތުކުރުމަށް މި އަަހަރުގެ ކުރީކޮޅު ޔޫތު މިނިސްޓްރީން، އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 71.5 މިލިއަން ރުފިޔާ އަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޗެލެންޖު ކަޕްގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅެން ހަމަޖެހިފައި ވާ އިރު، އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި ފުރަތަމަ ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު 4:00ގައި ވާދަކުރާނީ ތުރުކުމަނިސްތާނާއި ލާއޯސް އެވެ. އެގްރޫޕްގެ ދެވަނަ މެޗުގައި އެރޭ 9:00ގައި ވާދަކުރާނީ ފިލިޕީސްންސާއި އަފްޣާނިސްތާނެވެ.