އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފައިވާ ގެސްޓް ހައުސް ވެންޗާ ޕޮރްގްރާމާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މާލޭގައި ބާއްވައިފި އެވެ.

އައްޑޫ ސިޓީގައި ގެސްޓް ހައުސް ވިޔަފާރިއާ ފުޅާކުރުމަށް ހިންގާ ޕޮރްގުރާމާ ބެހޭ މައުލޫމާތު ދިނުމާ ބެހޭ ބައްދަލުވުން ބާއްވާފައި ވަނީ މާލެ ސިޓީ ކައުންސިލް ހޯލްގައި މިއަދު މެންދުރު ފަހު އެވެ.

މާލެ ސިޓީ ކައުންސިލް ހޯލްގައި ހުންނަވައިގެން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވިދާޅުވީ ގެސްޓް ހައުސް ވެންޗާއާ ބެހޭ މައުލޫމާތު ގިނަ ބަޔަކު ހޯދަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިއަކީ ހިނގިދާނެ ކަމެއްކަން ފެންނާން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެނަށް އެނގެން އެބައޮތް އިންވެސްޓަރުންވެސް އެބަތިބިކަން. ފައިނޭސްވެސް އެވޭލަބަލްކަން[ ލިބެން ހުރިކަން] ފައިނޭސް ކުރާ ފަރާތަކާއެކު ވެސް ވާހަކަ ދެކެވުނީމާ،" ސޯބެ ވިދާޅުވި އެވެ.

އައްޑޫގައި ގެސްޓްހައުސް ފިޔަފާރި ފުޅާކުރުމަށް ހިންގާ ޕޮރްގުރާމްގެ ދަށުން ގޯތި ހުންނަ ފަރާތްތަކާއި އިންވެސްޓަރުންނާއި ގުޅުވައިދެނީ ސިޓީ ކައުންސިލުންނެވެ. އަދި ގޯތީގެ ވެރިފަރާތުން ހަމަ އެކަނި ކުރަން ޖެހޭ ކަމަކީ ގެސްޓްހައުސް އަށް ގޯތި ދޫކުރުން ކަމަށް ސޯބެ ވިދާޅުވި އެވެ. ގޯތީގެ ވެރިފަރާތަށް ގޯތީގެ ކުލީގެ ގޮތުގައި ވެސް އަދި ގެސްޓްހައުސް ވިޔާރީން ކަމުގައި ވިއަސް ފައިސާ ހޯދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންވެސްޓަރުންނާ ހަމައަށް ބިން ގެންގޮސްމިދެނީ އަޅުގަނޑުމެން. އިންވެސްޓަރުން ބޭނުންވޭ ބިން ކުލި ދައްކާ ގޮތަށް ވިއަސް،" ސޯބެ ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ހަ ސަރައްހެއްދެއްގައި ޖުމްލަ 2000 އެނދުގެ ގެސްޓް ތަރައްގީ ކުރާނެ ފަރާތްތައް ހޯދުމަށް މި މަހު 12 ވަނަ ދުވަހު ހުޅުވާލި ފުރުސަތު ހަމަވާނީ އަންނަ މަހު 30 ނިޔަލަށެވެ. ގެސްޓްހައުސް ވެންޗާ އާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް އައްޑޫ ސިޓީގައި މި މަހުގެ 22 ވަނަ ދުވަހު ވެސް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ސޯބެ ވަނީ ވިދާޅުވެފަ އެވެ.