ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް، މޯލްޑިވްސް ޓްރަވެލް އެވޯޑްސް 2014ގައި ބައިވުމުގެ ފުރުސަތު މިމަހު 15 އަށް ހަމަވި އިރު 100 އަށް ވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައިފި އެވެ.

މޯލްޑިވްސް ޓްރަވެލް އެވޯޑްގެ ވެސް އިވެންޓް މެނޭޖާ، ހައިރައިޒް އިން ސަން އަށް ބުނި ގޮތުގައި 23 އަށް ވުރެ ގިނަ ކެޓެގަރީ އިން ހުޅުވާލާފައިވާ އެ އެވޯޑް އަށް ދުނިޔޭގެ ނަން މަޝްހޫރު ވިޔަފާރި ބްރޭންޑްތައް ކަމުގައިވާ ތާޖް ހޮޓެލްސް، ކޮންސްޓަންސް ހޮޓެލްސް، ލަގްސް ރިސޯޓްސް، ސްރީލަންކަން އެއާލައިންސް އަދި ޓްރޭޑާސް ހޮޓެލްސް އިން ވަނީ ކުރިމަތިލައިފަ އެވެ. ކަނުހުރާ، އަންގްސާނާ އަދި ބަންޔަން ޓްރީ ވަނީ އަލަށް މިފަހަރުގެ އެވޯޑްގައި ބައިވެރިވެފަ އެވެ.

މި އެވޯޑް ދޭ ކެޓަގަރީތަކުގެ ތެރޭގައި އޭވިއޭޝަން އަދި ޓްރާންސްޕޯޓް، ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ވެލްނެސް، ލައިވް ބޯޑްސް، ޑައިވިން އަދި ސާފިން ފަދަ ދާއިރާތައް ހިމެނެ އެވެ.

ހައިރައިސް އިން ބުނި ގޮތުގައި ކުރީ ފަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރު ވެސް ވަނަތައް ހޮވާނީ އެސްއެމްއެސް އަށް ހުޅުވާލައިގެންނާއި އަދި ޖަޖުންގެ މާކްސްތައް އެއްކޮށްގެންނެވެ. އެސްއެމްއެސް އަށް ހުޅުވާލާނީ ޖޫން މަހު 15 އިން ސެޕްޓެމްބަރު 30 އަށް ކަމަށް ވެސް ހައިރައިސިން އިން ބުންޏެވެ.

ވަނަ ވަނަ އަށް އަންނަ ފަރާތްތަކަށް އިނާމު ދިނުން އޮންނާނީ ނޮވެމްބަރު މަހު 21 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވާ އެވޯޑް ހަފްލާގައި ކަމަށް ވެސް ހައިރައިސިން އިން ބުންޏެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރަވެލް އެޖެންޓްސް އެންޑް ޓުއައޮޕަރޭޓާސް (މަޓާޓޯ) އިން ވަނީ މި އެވޯޑަށް އިންޑަސްޓްރީގެ ފަރާތުން ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ.

މޯލްޑިވްސް ޓްރަވެލް އެވޯޑްސް 2014ގެ މެއިން ސްޕޮންސާ އަކީ އިބްރާހީމް ނާސިރު އިންޓަނޭޝަން އެއާޕޯޓެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެލައިޑް އިންޝުއަރެންސާއި އެސްޓީއޯގެ ފަރާތުން ފިލިޕްސް ބްރޭންޑާއި ދަ ހޯކްސް އަދި ފްލައިމީ އެވެ. އެސޯޝިއޭޓް ޕާޓްނަރުންނަކީ ވައިޓްޝޭޑާއި ޓީއެމްއޭ އެވެ. މީޑިއާ ޕާޓްނަރުންގެ ތެރޭގައި އެމްބީސީ، ސަން އޮންލައިން، އޭޝިއަން ޖޯގްރެފިކް ޕާސްޕޯޓު، އޭޝިއަން ޑައިވާ، ސްކޫބާ ޑައިވާ އޮސްޓްރޭލިއާ، ފްލޯޓިން އޭޝިއާ، ވިސިޓިން ގައިޑް އަދި މޯލްޑިވްސް ޑޮޓް ނެޓް ޑޮޓް އެމްވީ ހިމެނެ އެވެ. ބޭވަރޭޖް ޕާޓްނަރުންނަކީ ބޮނަކުއާ އަދި ކޮކާ ކޯލާ އެވެ. ޓެކްނޮލޮޖީ ޕާޓްނަރަކީ ސެމިކޮލޮން އެވެ.