އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް އޭގައި މާދަމާ ހަވީރު ކިރުގިސްތާނާ ދެކޮޅަށް ނުކުންނައިރު، މުޅި ޓީމުގެ ވިސްނުން ހުރީ ފުރަތަމަ މެޗުން މޮޅުވުމަށް ކަމަށް ފަލަސްތީނުގެ ކޯޗު ޖަމާލް މަހްމޫދު ބުނެފި އެވެ.

މަހްމޫދު ބުނީ، މުބާރާތަށް އޭނާ ބޭނުންވާ ވަރަށް ޓީމުގެ ތައްޔާރީތައް ނުގެންދެވުނު ނަމަވެސް، މާދަމަގެ މެޗަށް ނުކުންނައިރު ޓީމު އޮތީ ފުރިހަމައަށް ތައްޔާރު ވެގެން ކަމަށެވެ.

"ޖުމުލަގޮތެއްގައި އަހަރެމެން ބޭނުންވިގޮތަށް މި މުބާރާތައް ތައްޔާރެއް ނުވެވުނު. އެހެން ނަމަވެސް، މާދަމާގެ މެޗުން މޮޅުވުމަށް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ފުރިހަމައަށް ތައްޔާރުވެގެން،" ކޯޗު މަހްމޫދު ބުންޏެވެ.

މަހްމޫދު ބުނީ، ގްރޫޕް އޭގައި ވާދަކުރާ ހުރިހާ ޓީމުތަކަކީ ވެސް ވަރުގަދަ ޓީމުތަކެއް ކަމަށާއި އެގޮތުން ގްރޫޕް ސްޓޭޖް ފަހަނަޅައި ދިޔުމުގެ ފުރުސަތު ކޮންމެ ޓީމަކަށްވެސް އެބައޮތް ކަމަށެވެ.

"ޗެލެންޖް ކަޕްފަދަ ވަރުގަދަ މުބާރާތެއްގައި ވާދަކުރާ ހުރިހާ ޓީމުތަކަކީ ވެސް ވަރުގަދަ ޓީމުތަކެއް. އެހެން ކަމުން މިވެނި ޓީމަކަށް ފުރުސަތު ބޮޑެކޭ ނުބުނެވޭނެ. އަހަރެމެންގެ ވިސްނުން ހުރީ ފުރަތަމަ މެޗުން މޮޅުވުން، ދެން ޖެހިގެން އަންނަ މެޗު އެގޮތަށް ގޮސް ސެމީ ފައިނަލް އަދި ފައިނަލަށް ދަތުރުކުރުން،" ކުރިން ހިލާލް އަލް ގުދުސްއަށް ވެސް ކޯޗުކޮށްދިން 41 އަހަރުގެ ކޯޗު ބުންޏެވެ.

މާދަމާގެ މެޗަށް ނުކުންނައިރު އިދިކޮޅު ޓީމާ ބެހޭގޮތުން 2012 ވަނަ އަަހަރުގެ ޗެލެންޖް ކަޕުގެ ސެމީއާ ހަމައަށް ފަލަސްތީނު ގެންގޮސްދިން ކޯޗު ބުނީ، ކިރްގިސްތާން ޓީމް އެންމެ ފަހުން ކުވޭތާ ދެކޮޅަށް ކުޅުނު މެޗު އޭނާ ވަނީ ބަލާފައި ކަމަށާއި އެގޮތުން މާދަމާގެ މެޗަށް ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ތައްޔާރު ވެފައިވާ ކަމަށެވެ.

ޗެލެންޖް ކަޕްގައި ފަލަސްތީން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ކިރުގިސްތާނާ ދެކޮޅަށް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ، ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.