ޗުއްޓީ ހޭދަކޮށްލުމަށް ޕޯޗުގަލް އަށް މެންޗެސްޓާ ޔުަނައިޓެޑްގެ އިނގިރޭސި ފޯވަޑް ވޭން ރޫނީ ދިޔަ ދަތުރުގައި ބައިވެރިވި އިނގިރޭސި މީޑިއާތަކަށް ރޫނީ ފާޑު ކިޔައިފި އެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ލިބުނު ކުޑަ ޗުއްޓީއެއް ހޭދަކުރުމަށް ޕޯޗުގަލް އަށް ރޫނީ ދިޔައީ އޭނާގެ އަންހެނުން ކޮލީން އާއި އޭނާގެ ދެ ދަރިން ކަމަށްވާ ކައި އާއި ކްލޭ ގޮވައިގެންނެވެ. މި ދަތުރުގައި ރޫނީ އަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވީ އެންމެ ބޮޑަށް އޭނާ ޕްރޮމޯޓްކުރާ އިނގިރޭސި މީޑިއާތަކުގެ ފަރާތުންނެވެ.

"އިނގިރޭސި މީޑިއާތަކުން އަހަރެންގެ ފަހަތުން ޕޯޗުގަލް އަށް އައުމަކީ ވަރަށް ހުތުރު ކަމެއް. އަހަރެން ޕޯޗުގަލް އަށް އައީ އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް،" ރޫނީ ޓްވީޓްކޮށްފައިވެ އެވެ.

މީގެ ކުރިން ރޫނީ ވެސް ރޫނީ ވަނީ މީޑިއާތަކަށް ފާޑުކިޔައި، ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭނުން ނުވާ ކަމުގައި ބުނެފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ 2006 ވަނަ އަހަރު ނައިޓް ކްލަބެއްގެ ތެރޭގައި ހިނގި ހާދިސާގެ ތެރޭގަ އެވެ.

ސައުތު އެފްރިކާގައި ބޭއްވި 2010ގެ ވޯލްޑް ކަޕުގައި އަލްޖީރިއާ އަތުން އެއްވަރުވުމުން މީޑިއާގައި އިނގިރޭސި ސަޕޯޓަރުންނާއި ދިމާލަށް ވެސް ރޫނީ ވަނީ ފާޑު ކިޔައިފަ އެވެ. އެކަމުގެ ސަބަބުން އެ ދުވަސްކޮޅު ރޫނީ އަށް އިނގިރޭސިން ކުރަމުން ދިޔަ ތާއީދު މަޑުމަޑުން ފަނޑުވަމުން ދިޔަ އެވެ.