18 May 2014, 19:36
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާރޭ މިޔަންމާއާއި ދެކޮޅަށް ގައުމީ ޓީމުން، ދިވެހިން ހިތް އުފާ ކޮށްދޭވަރުގެ ނަތީޖާއެއް ނެރޭނެ ކަމުގެ ޔަގީންކަން އެބޮތް ކަމަށް 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ދިވެހީންނަށް ހޯދައިދިން ކުރީގެ ގައުމީ ޓީމުގެ "ގޯލްޑް" ކެޕްޓަން އައްސަދު އަބްދުލް ޣަނީ ބުނެފި އެވެ.
މިޔަންމާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗް ފަށާނީ މާދަމާރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެއެވެ.
"ސަން"އާ ވާހަކަ ދައްކަމުން އައްސަދު ބުނީ، ފުޓުބޯޅައިގައި ދިވެހީން މިހާރު ދައްކާ ކުޅުން ސަރަހައްދީ ގައުމު ތަކުން ވެސް ބަލައިގަންނަ ކަމަށާއި މިފަހަރުގެ މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައިގެ ހަޔާތުގައި "ދިވެހި ޓީމް" ބޭރު ދުނިޔޭގައި ވިދާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
އެކަންކުރުމުގެ ގާބިލިއްޔަތު ކަމާއި އެފެންވަރު ދިވެހި ޓީމުގެ މިހާރުގެ ސްލޮޑުގައި އެބައޮތް. މާދަމާރޭ އެކަން ދިވެހީންނަށް ސާބިތުވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް،" އަސްއަދު ބުންޏެވެ.
އައްސަދު ބުނީ، ދިވެހި ގައުމީ ޓީމުގެ އެއް ނަންބަރު ކުޅުންތެރިޔާ އަކީ 12 ވަނަ ކުޅުންތެރިޔާ ކަމަށާއި އެކުޅުންތެރިޔާ ގެ މަސައްކަތާއި ޒިންމާ ވަރަށް ބޮޑު ކަމަށެވެ. އެ މަސައްކަތަކީ މެޗު ނިމެންދެން ގައުމީ ޓީމަށް ހިތްވަރުދީ، ސަޕޯޓްކޮށް އަޑު އުފުލުމުގައި ރެފްރީގެ އެންމެ ފަހު ކަށިގަޑާ ހަމައަށް މަސައްކަތް ކުރުން ކަމަށް އޭނާ ބުންޏެވެ. އަދި އެމަސައްކަތް ކުރުމަށްޓަކައި މާދަމާރޭ 12 ވަނަ ކުޅުންތެރިއާގެ ގޮތުގައި ދަނޑުގައި ހުންނާނެ ކަމުގެ ޔަގީން ކަން އައްސަދު ދިނެވެ.
ނ. މާފަރަށް އުފަން އައްސަދު ގައުމީ ޓީމަށް ކުޅެން ފެށީ 2001 ވަނަ އަހަރު އެވެ. އޭގެ ފަހުން ބަރާބަރަށް ގައުމީ ޓީމުން ޖާގަ ހޯދަމުން އައި ކުޅުންތެރިޔާ ގައުމީ ޖާޒީ ބޭލީ 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހުއެވެ. އައްސަދަށް ގައުމީ ޓީމުގެ ކެޕްޓަންކަން ލިބުނީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން މެދުނުކެނޑި ހަ އަހަރު ގައުމީ ކެޕްޓަކަންކުރި އިރު އޭނާ އަކީ ދިވެހި ގައުމުގެ ހަމައެކަނި ގޯލް ކެޕްޓަނެވެ.
ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރާއްޖެއަށް ތައްޓެއް ހޯދައިދިން ކެޕްޓަންކަމުގެ ފަހުރާއި ޝަރަފް އޭނާ އަށް ލިބުނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި އިންޑިއާ އަތުން 1-0 ލަނޑުން ރާއްޖެ މޮޅުވެ، މުބާރާތުގެ ތަށި ގައުމީ ޓީމު އުފުލާލުމުންނެވެ. އެޝަރަފް އަދި ވެސް އޮތީ އައްސަދު އަތުގައެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނުނީ ގްރޫޕް އޭފަޅީގައެވެ. އެގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި އަންނަ ބުދަ ދުވަހުގެ ރޭ 9:00 ގައި ކުޅޭނީ ކިރްގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ ހުކުރު ދުވަހުގެ ރޭ 9:00 ގައި ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.