18 May 2014, 18:18
އޭއެފްސީ ޗެލެންޖް ކަޕުގައި ލާއޮސް ޓީމުން ފެންނާނީ އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނު ކުޅުން ނޫން ކަމުގައި ލާއޮސް ޓީމުގެ ކޯޗު ކިކޮޗީ ކިމޫރާ ބުނެފި އެވެ.
މާދަމާ ފަށާ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ރާއްޖެއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ލާއޮސް ބަލިވީ 7-1 ލަނޑުންނެވެ. ރޭ އައްޑޫ ސިޓީ އަށް އައިސް، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ، "ސަން" އަށް މައުލޫމާތު ދެމުން ލާއޮސްގެ ކޯޗު ބުނީ، މުބާރާތަށް ނުކުންނަން ޖެހޭނީ އެ މެޗުގައި ލިބުނު ނަތީޖާއާ މެދު ހަނދާން ނަައްތާލައިގެން ކަމަށެވެ.
"މުބާރާތުގައި އަހަރެމެންގެ ފަރާތުން ފެންނާނީ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނު ކުޅުމެއް ނޫން. އަހަރެމެން ނުކުންނާނީ މުޅިން ތަފާތު ޕްލޭނަކާއެކު. ނަމަވެސް މިގޮތަށް ވާން އޮތީ އެ މެޗުގައި އަހަރެމެންނަށް ލިބުނު ނާކާމިޔާބީ ހަނދާން ނައްތާލައިގެން،" ލާއޮސްގެ ކޯޗު ކިމޫރާ ބުންޏެވެ.
ޗެލެންޖް ކަޕްގައި ލާއޮސް އޮތީ ގްރޫޕް ބީ ފަޅީގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އަފްޣާނިސްތާނާއި، ފިލިޕީންސް އަދި ތުރުކްމެނިސްތާނެވެ. ކިމޫރާ ބުނީ، ގްރޫޕް ބީގައި ހުރި ޓީމުތަކުގެ ފެންވަރު އޭނާ އަށް އެނގޭ ކަމަށާއި ތުރުކުމެނިސްތާނާ ދެކޮޅަށް ނުކުންނަ މެޗުގައި ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އަހަރެންގެ އުންމީދަކީ ފުރަތަމަ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުން. މުބާރާތުގައި ކުރިއަށް ދެވެން އޮތީ ފުރަތަމަ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވިގެން. ކުޅުންތެރިންގެ އުންމީދަކީ މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރުން. އެހެން ޓީމުތަކުގެ ފެންވަރު އަހަރެންނަށް އެނގޭ،" ލާއޮސް ކޯޗު ބުންޏެވެ.
މި މުބާރާތުގައި ގްރޫޕް ބީގައި ވާދަކުރާ ހުރިހާ ޓީމެއް މިހާރު ވަނީ އައްޑޫ އަށް އައިސްފަ އެވެ. އައްޑޫ އަށް އެންމެ ކުރިން އައި ޓީމަކީ އަފްޣާނިސްތާނެވެ. ލާއޮސް އާއި ފިލިޕީންސް އަދި ތުރުކްމެނިސްތާނު އައްޑޫ އަށް އަސްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅޭ ގްރޫޕް ބީގެ މެޗުތައް ފެށޭނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހު ދެ މެޗެއް ކުޅޭއިރު، ހަވީރު 4:00 ގައި ބައްދަލުކުރާނީ ތުރުކުމެނިސްތާނާއި ލާއޮސް އެވެ. އަދި އެރޭ 9:00 ގައި ބައްދަލުކުރާނީ ފިލިޕީންސް އާއި އަފްޣާނިސްތާނެވެ.