އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ފަލަސްތީނާ ދެކޮޅަށް ނުކުންނައިރު ކިރްގިސްތާނު ޓީމު އޮތީ ފުރިހަމައަށް ތައްޔާރު ވެފައި ކަމަށް އެޓީމުގެ ކޯޗް ސަރުގީ ޑްވޮރިއަންކޯފް ބުނެފި އެވެ.

ޕެރެޑައިސް އައިލެންޑްގައި މިއަދު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް ގްރޫޕް އޭގައި ހިމެނޭ ޓީމުތަކުގެ ޕްރި-މެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކިރުގިސްތާނު ކޯޗު ބުނީ، ފުރަތަމަ މެޗަކީ ވަރަށް މުހިއްމު މެޗެއް ކަމަށާއި މާދަމާގެ މެޗަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު ޓީމާ ބެހޭ މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

"އަހަރެމްނެނަށް ފަލަސްތީނު ޓީމާ ބެހޭ މައުލޫމާތު ކޮންމެވެސް ވަރަކަށް އެނގޭ. އަހަރެމެން ބަލާނަން ފަލަސްތީނާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކަން. ދެން އަހަރެމެންނަށް އެނގޭ ފުރަތަމަ މެޗަކީ ވަރަށް މުހިއްމު މެޗެއްކަން،" 2012 ވަނަ އަހަރު ކިރުގިސްތާނުގެ ކޯޗުކަމާ ހަވާލުވި ރަޝިޔާއަށް އުފަން އުމުރުން 44 އަހަރުގެ ކޯޗު ބުންޏެވެ.

ކޯޗް ޑްވޮރިއަންކޯފް ބުނީ މިފަހަރުގެ މުބާރާތައް ކޮލިފައިވުމާއެކު އޭނާގެ ޓީމު ވަރަށް ފުރިހަމައަށް މުބާރާތައް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ 20 މެޗު ކުޅެފައިވާ ކަމަށެވެ.

" މި މުބަރާތަށް ކޮލިފައިވީ ފަހުން އަހަރެމެން 20 ވަރަކަށް ފްރެންޑްލީ ކުޅެފިން. ބައެއް މެޗުތައް ޔޫރަޕް ޓީމުތަކާ ދެކޮޅަށް. އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ގެންދިޔައީ ކުވޭތުގައި،" ޑްވޮރިއަންކޯފް ބުންޏެވެ.

ކޯޗު ބުނީ، އެންމެ ފަހުގެ ތައްޔީރީތައް ވުމުގެ ގޮތުން ކުވޭތުގައި އެކުވެރިކަމުގެ ދެ މެޗު ކުޅުނު ކަމަށާއި އެ ދެމެޗަށް ފަހު ކުވޭތުން ސީދާ މާލެ އައީ ކަމަށެވެ.

"ކުވޭތުގައި 12 ދުވަސް ހޭދަކުރިން އެތަނުގައި. އެތަނުގައި ދެ ފްރެންޑްލީ ކުޅުނިން. ފުރަތަމަ މެޗް އަފްގާން ގައުމީ ޓީމާ ދެކޮޅަށް އަނެއް މެޗު ކުވޭތުގެ ޓީމާ ދެކޮޅަށް. ޓީމުގެ ތައްޔާރިތަށް ވަރަށް ރަނގަޅު،" ކިރްގިސްތާން ކޯޗު ބުންޏެވެ.

އަފްގާން ޓީމާ ދެކޮޅަށް ކިރްގިސްތާނު ކުޅުނު އެކުވެރި ކަމުގެ ދެމެޗުގެ ތެރެއިން ފުރަތަމަ މެޗު ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެފައި ވާ އިރު، ދެވަނަ މެޗުން ކިރްގިސްތާން ވަނީ 1-0 އިން ބަލިވެފައެވެ. އަދި މިދިޔަ ހުކުރު ދުވަހު ކުވޭތު ޓީމާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗު 2-2 އިން ވަނީ އެއްވަރުވެފައެވެ.

ޗެލެންޖް ކަޕްގައި ކިރްގިސްތާން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ، ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.