18 May 2014, 16:48
ރިސޯޓް ހެދުމަށް ޕޮލިސް ވެލްފެއާ ކޯޕަރޭޝަނަށް ދޫކޮށްފައިވާ ޅ. މާބިންހުރާ ތަރައްގީކުރުމަށް ހުޅުވާލި ބިޑް ކާމިޔާބުކުރި ފަރާތާ އެކު ސަބްލީސް އެއްބަސްވުމުގައި ސޮއިނުކުރަން ނިންމާފައިވާތީ އެ މައްސަލަ ޝަރީއަތަށް ހުށަހަޅައިފި އެވެ.
ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނީ ޅ. މާބިންހުރާ ގައި ރިސޯޓެއް ތަރައްގީ ކުރުމަށް ހުޅުވާލި ބިޑު ކާމިޔާބު ކުރި ކާސްޓްއަވޭ މޯލްޑިވްސް އިންނެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވަނީ ސަން އަށް އެކަން ކަށަވަރުކޮދެއްވާފަ އެވެ.
ކާސްޓްއަވޭ މޯލްޑިވްސް އިން ކުރި ދައުވާގައި ބުނެފައި ވަނީ މާބިންހުރާ ތަރައްގީކުރުމަށް ބީލަން ހުޅުވުމުން އެ ކުންފުނިން ހުށަހެޅި ބީލަށް ކާމިޔާބުވެއްޖެ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ޕޮލިސް ވެލްފެއާ ކޯޕަރޭޝަނުން ނޯޓިފިކޭޝަން އެވޯޑް ފޮނުވާފައިވާ ކަމަށެވެ.
އެގޮތަށް އަންގާފައި ވަނިކޮށް، ސަބްލީސް އެގްރީމަންޓްގައި ސޮއިކުރުމުގެ ކުރިން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ގާނޫނާ ޚިލާފަށް އެކަން ބާތިލްކޮށްފައިވާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.
ކާސްޓްއަވޭ މޯލްޑިވްސް އިން ދައުވާގައި އެދިފައި ވަނީ ނޯޓިފިކޭޝަން އޮފް އެވޯޑާއި ރިކުއެސްޓް ފޯ ޕްރޮޕޯސަލް ޑޮކިއުމަންޓްސްގައިވާ ގޮތުގެ މަތިން މާބިންހުރާ ސަބްލީސްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ޕޮލިސް ވެލްފެއާ ކޯޕަރޭޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
މީގެއިތުރުން އެ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން އެ ރަށާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރިއަށް ނުގެންދިއުމަށް އެކުންފުނީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިފަ އެވެ.