18 May 2014, 16:28
އޭއެފްސީ ޗެލެންޗްކަޕްގައި ބައިވެރިވާ މިޔަންމާ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖެ އައީ ހަމައެކަނި މުބާރާތުގައި ބައިވެރިވެލަން ނޫން ކަމަށާއި މުބާރާތުގައި ވާދަކޮށް ރަނގަޅު ކާމިޔާބެއް ހޯދުމަށް ކަމަށް އެ ޓީމުގެ ކޯޗް ރަޖްކޯ އަވްރަމޮވިޗް ބުނެފި އެވެ.
އަވްރަމޮވިޗް ބުނީ، ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖްގައި އެޓީމު ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ރާއްޖެއާ ދެކޮޅަށް ނުކުންނައިރު "މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ފުރަތަމަ މެޗު ކުޅޭން ޖެހުމަކީ އުނދަގުލެއް ކުރިމަތިވާނެ ކަމެއް" ކަމަށެވެ.
"މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅެން ޖެހުމުން އުނދަގޫތަކެއް ހުންނާނެ. ހާއްސަކޮށް މުބާރާތުގެ ފުރަތަމަ މެޗަށް ވުމުން ދެޓީމަށް ވެސް އުނދަގޫތަކެއް ހުންނާނެ. އަހަރެންމެން ވިސްނާނީ މެޗަކަށްފަހު މެޗަކާ ދޭތެރޭ. އެގޮތުން ފުރަތަމަ މެޗުން މޮޅުވުން ވަރަށް މުހިއްމު. އަހަރެމެން ހަމައެކަނި މުބާރާތުގައި ބައިވެރިވެލަން އައިކީ ނޫން. އައީ ވާދަކޮށްގެ ކަމިޔާބު ހޯދަން،" ޕެރަޑައިސް ރިސޯޓްގައި މިއަދު އޮތް ޕްރީ-މެޗް ޕްރެސް ކޮންފަރެންސްގައި މިޔަންމާ ކޯޗު ބުންޏެވެ.
މިޔަންމާ ކޯޗު ބުނީ، ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ރާއްޖޭ ޓީމާއި ކުޅުންތެރިންނާ ބެހޭގޮތުން ވެސް ކޮންމެވެސް ވަރަކަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމަށް ތައްޔާރުވެގެން ތިބި ކަމަށެވެ.
"ރާއްޖޭ ޓީމާ ބެހޭ ގޮތުން އަހަރެން މައުލޫމާތު ހޯދިން. އަހަރެން ރާއްޖެ ކުޅުނު ބައެއް މެޗުތަކުގެ ވީޑިއޯތައް ބެލިން. ބައެއް ކުޅުންތެރިންގެ ކުޅުން ބެލިން. އާންމުގޮތެއްގައި ކޮންމެ ޓީމެއްގެ ކޯޗަކަށް ވެސް އިދިކޮޅުޓީމާ ބެހޭގޮތުން އެނގޭނެ ކޮންމެވެސް ވަރަކަށް އަދި ބަލާނެ. ދެން ކުޅުންތެރިންގެ ކަމެއް ދަނޑުމަތީގައި އެމީހުންގެ ބައި ފުރިހަމަކުރުމަކީ،" ކުރިން ސިންގަޕޫރު ޓީމަށް ވެސް އިރުޝަދުދިން ތަޖުރިބާ ކާރު ކޯޗު ބުންޏެވެ.
އަވްރަމޮވިޗް ބުނީ، މުބާރާތަށް ރަނގަޅަށް ތައްޔާރު ނުވެވޭ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ޓީމަކީ ފޭވަރިޓުން ނޫންކަމަށް ބުނާ ބުނުން ގަބޫލު ނުކުރާ ކަމަށާއި މުބާރާތެއްގެ ނަތީޖާ، ކޮންމެ ގޮތަކަށް ވެސް އެނބުރިގެން ހިނގައިދާނެ ކަމަށެވެ.
"މުބާރާތެއްގައި އެއްވެސް ކަމެއްގައި 100 ޕަސެންޓް ޔަގީކަމެއް ނުދެވޭނެ. މުބާރާތެއްގައި ކޮންމެ ފަދަ ނަތީޖާއެއްވެސް ނުކުމެދާނެ. އެއީ ފުޓްބޯޅައިގެ ރީތިކަމަކީ. މެޗަކުން މޮޅުވާނީ މިވެނި ޓީމެކޭ ޔަގީނެއް ނުކުރެވޭނެ. މިއީ މުބާރާތެއް،" މިޔަންމާ ކޯޗު ބުންޏެވެ. "ހިނގާ ކުޅުންތެރިންނާ ހަވާލުކުރަން ދަނޑުމަތިން ނަތީޖާ ނެރެން."
ކޯޗު ބުނީ ކޮންމެ މުބާރަތެއްގައި ވެސް ވިދަމުން އަންނަ ޓީމުތަކާއި އިތުރަށް ކުރިއަރާ ޓީމުތައް ފެންނާނެ ކަމަށެވެ.
"އެހެންވީމަ ކޮންމެ ބަޔަކަށް ވެސް ފުރުސަތު އެބައޮތް. އަހަރެން ދެކޭގޮތުގައި މުބާރާތުގެ މައިގަނޑު ޕޮއިންޓަކީ މެޗުތަކުގެ ސްޓޭންޑަޑް ހިފެހެއްޓުން،" އަވްރަމޮވިޗް ބުންޏެވެ.
މިޔަންމާ ކޯޗު ބުނީ، މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ކުޅުންތެރިންގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
ރާއްޖެއާ މިޔަންމާ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.