18 May 2014, 16:14
ޗައިނާގެ ޝެންޒެން ސިޓީއާ ގުޅުން ބަދަހިކުރުމަށް މާލޭ ސިޓީ ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މަލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ޝެންޒެން ސިޓީގެ ސިސްޓަ ސިޓީއަކަށް ވުމުގެ އެއްބަސްވުމުގައި އިއްޔެ އެ ސިޓީގައި އޮތް ރަސްމިއްޔާތެއްގައި ކަމަށެވެ. އަދި އެ އެއްބަސްވުމުގައި މާލޭ ސިޓީކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު މުހައްމަދު ޝިހާބު ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
އަދި ބުނީ އެއްބަސްވުމުގެ ދަށުން ދެ ސިޓީގެ ދެމެދުގައި އެއްބާރުލުމާއި ގުޅުން ރަނގަޅުވެގެން ދާނެ ކަމަށެވެ.
"... މިއެއްބަސްވުމުގެ ދަށުން ޗައިނާގެ ޝެންޒެން ސިޓީއާއި ޗައިނާގެ ޝެންޒެން ސިޓީއާއި ދެމެދު އެކި ދާއިރާތަކުން އެއްބާރުލުންދީ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެކަމަށް މި ކައުންސިލުން ދެކެމެވެ. ޝެންޒެންސިޓީއަކީ ޗައިނާގެ އެންމެ ކުރިއަރާފައިވާ ސިޓީތަކުގެ ތެރެއިން ސިޓީއެކެވެ،" މާލޭސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވެ އެވެ.
މާލޭ ސިޓީ ކައުންސިލުން 2012 ވަނަ އަހަރު ވެސް މިފަދަ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ސިސްޓަ ސިޓީ އެގްރިމެންޓްގައި އެފަހަރު ސޮއިކުރީ ޓައިވާންގެ ކައުޝިން ސިޓީއާ އެކުގައެވެ. އެސިޓީއާ ގުޅިގެން ބައެއް މަސައްކަތްތައް ކޮށްފައިވާ ކަމަށް ސިޓީ ކައުން ސިލުން މިއަދު ބުންޏެވެ.
މަލޭގެ މޭޔަރު މުޙައްމަދު ޝިހާބާއި ސިޓީކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު އަހުމަދު ރިޝްވާނާއި ވިލިމާފަންނު ދާއިރާގެ ކައުންސިލަރު ޙުސައިން ޝަރީފު މިހާރު ވަޑައިގެން ތިއްބެވީ ޗައިނާގައެވެ.