18 May 2014, 15:40
މިދިޔަ އަހަރުގެ ޑިސެންބަރު މަހު 15ގައި ގެޒެޓްކޮށް މިހާރު އަމަލުކުރަމުން ގެންދާ ޓެކްސީ ގަވާއިދުގެ ދަށުން މާލޭގެ މަގުތަކުގައި "ޓެކްސީ ސްޓޮޕް" ހަރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފައްޓައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ، ޓެކްސީ ގަވާއިދުގެ ދަށުން މާލޭ މަގުތަކުގައި ބޯޑު ހަރުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި އިތުރު ސަރަހައްދުތަކުގައި ޓެކްސީ ސްޓޮޕްތަށް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ހަރުކުރަން ޖެހޭ އަދަދަށް އަދި ބޯޑުތަށް ހަރުކުރެވިފައި ނެތް ކަމަށާއި، އެކަން ފުރިހަމަ ނުކުރެވިގެން އުޅެނީ ބަޖެޓްގެ ދަތިކަން ހުރުމާ އެކު ކަމަށެވެ. ނަމަވެސް މިހާރު ފައިނޭސްގެ ދަތިކަން ހުރި ވާހަކަ ޓްރާންސްޕޯޓް އަށް އަންގާފައިވާ ކަމަށާއި އެބޭފުޅުން ބަޖެޓް ދެއްވާނެ ކަމަށް ވިދާޅުވެފައި ވުމުން ވަރަށް އަވަހަށް އެހެން ސަރަހައްދުތަކުގައި ބޯޑު ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެކްސީ ސްޓޮޕްތައް ހެދުމަކީ ވަރަށް ރަނގަޅު ހިދުމަތެއް ކަމަށާއި، މާލޭގެ މަގުތަކުގެ އެކިއެކި ހިސާބުތަކުގައި މަޑުކޮށްގެން ތިބެގެން އަތް ނެގުމަށް ވުރެ ޓެކްސީ ސްޓޮޕްތަކުގައި މީހުން މަޑުކޮށްގެން ތިބޭ ނަމަ އާންމުންނަށް ވެސް އަދި ޓެކްސީ ތަކަށްވެސް ފަސޭހަވާނެކަމަށް ޓެކްސީ ޑްރައިވަރުން ބުނެ އެވެ.
މާލޭގެ އެކިއެކި މަގުތަކުގައި މިހާރު އަށް ވަރަކަށް ޓެކްސީ ސްޓޮޕް ހަރުކޮށްފައިވާ އިރު ޓެކްސީ ގަވާއިދުގެ ދަށުން ދިއްލޭ ބޯޑު ހަރުނުކުރާ ޓެކްސީތަށް މިހާރު ދަނީ ޖޫރިމަނާ ކުރަމުންނެވެ.