18 May 2014, 15:24
ބިލަކަށް ފަސް ރުފިޔާ ނަގާ ގޮތަށް ސްޓެލްކޯގެ ބިލްތަކަށް ފައިސާ ބަލައިގަތުމުގެ ހިދުމަތް ފައިވް ޕީ އިންވެސްޓްމެންޓަށްދީފި އެވެ.
އައުޓް ސޯސްކޮށްގެން ސްޓެލްކޯގެ ބިލްތަކަށް ފައިސާ ބަލައިގަތުމަށް އެ ކުންފުންޏާ ހަވާލު ކުރުމަށް މިއަދު ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުގްނީ އެވެ. ފައިވް ޕީ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ޝިފާއު އެވެ.
ސްޓެލްކޯގެ ބިލްތަކަށް ފައިސާ ބަލައި ގަތުމުގެ ހިދުމަތް ފައިވް ޕީ އާ ހަވާލު ކުރިއަސް ސްޓެލްކޯ އިން ވެސް ރަސްމީ ގަޑިތަކުގައި ބަލައިގަންނާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުގްނީ ވިދާޅުވީ އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބޭނުމަކީ ސްޓެލްކޯގެ ކަސްޓަމަރުންނަށް އެ ކަސްޓަމަރުންގެ ބިލްތަކަށް ފައިސާ ދެއްކުމުގައި ވީހާ ވެސް ފަސޭހަމަގެއް ހޯދައިދެއްވުން ކަމަށެވެ. އެގޮތުން އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ޑައިރެކްޓް ޑެބިޓް، އިންޓަނެޓް ބޭންކިން އަދި އީ ބޭންކް ފަދަ ބިލްތައް ފައިވްޕީގެ ދެ ފިހާރަ ކަމުގައިވާ، "ޔޫ ފޯން" އާއި "ޑީވީ ބިލްޕޭ" އިން ބަލައިގަންނާނެ ކަމަށެވެ.
ޔޫ ފޯން ހުންނަނީ މާފަންނު ބިސްބުރު ކައިރީގަ އެވެ. ޑީވީ ބިލް ޕޭ ހުންނަނީ ސީއެޗްއެސްސީ ކައިރީގަ އެވެ.
އެ ދެ ފިހާރަ އިން ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ފެށިގެން ރޭގަނޑު 11:00 އަށް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ ބިލްތައް ބަލައިގަންނާނެ ކަމަށެވެ. ބަންދު ދުވަސްތަކުގައި މެންދުރު 02:00 އިން ރޭގަނޑު 11:00 އަށް އެ ދެ ތަނުން ވެސް ބިލްތައް ބަލައިގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިވްޕީ ސްޓެލްކޯގެ ބިލްތަކަށް ފައިސާ ދެއްކުމަށް ހަވާލު ކުރީ ބީލަމަށް ލައްވައިގެން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.