ފާއިތުވި ދެދުވަހުގެ ތެރޭ މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކެއްގައި ތުހުމަތުކުރެވޭ ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.  


ފުލުހުން ބުނީ، މިމަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ގ.މަސްއޮޑިގެ ބަލާފާސްކުރިއިރު ތޫނު ހަތިޔާރާއި މަސްތުވާތަކެތި  ފެނުނު މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކުރީ އެގޭގެ ކޮޓަރިއެއްގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ބޭނުންކުރަމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.


މީގެ އިތުރުން ލ. ގަން ތުނޑީ އަވަށު ގެއެއްގެ ބަދިގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ތައްޔާރުކުރުމުގައި ހަރަކާތްތެރިވި ދެބެން ވެސް ފުލުހުން ވަނީ ރޭ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 24 އަހަރުގެ މީހަކާއި 14 އަހަރުގެ ކުޑަކުއްޖަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.  


"ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގަން ޕޮލިސް ސްޓޭޝަންގެ ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި އެދެބެން އަތުލައިގެންފައިވަނީ ރޭ ދަންވަރު 3:30 ހާއިރު ބަނގުރާ ކަމަށް ތުހުމަތުކުރެވޭ ދިޔާ އެއްޗެއް ކެއްކުމުގައި ހަރަކާތްތެރިވަމުންދަނިކޮށް" ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި، އެމީހުން ތިބި ތަން ޗެކްކޮށް ބެލިބެލުމުން ބަނގުރާ ކަމަށް ބެލެވޭ 500 އެމް.އެލް ގެ ދެ ފުޅިއާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ އާލާތްތައް ފެނިފައި ވެއެވެ.


އަނެއް ދެމީހުން ފުލުހުން އަތުލައިގަތީ ތ. އަތޮޅުންނެވެ.
ފުލުހުން ބުނީ، މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވާ ދެމީހުންނަކީ ތ.މަޑިފުއްޓަށް ފައިބަރގެ މަސައްކަތެއް ކުރުމަށް ގޮސްއުޅުނު އުމުރުން 28 އަހަރުގެ ދެމީހުން ކަމަށެވެ. އެ ދެމީހުން ޗެކްކޮށް ބެލިބެލުމުން އޭގެ ތެރެއިން އެކެއްގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 27 ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.


މަސްތުވާތަކެތީގެ މައްސަލައެއްގެ ކުށުގައި ހައްޔަރުކުރި ހަތް ވަނަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސ.ހުޅުދޫ އިން ނެވެ.


ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ 27 އަހަރުގެ މީހެއް ކަމަށާއި އޭނާ ކުއްޔަށް ދިރިއުޅެމުން ގެންދިޔަ ކޮޓަރި ކޯޓު އަމުރުގެ ދަށުން ޗެކްކޮށް ބެލިބެލުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެތަކެތި ހުރީ އެކޮޓަރީގެ ފާޚާނާގެ ތެރޭގައި ސިންކް ބަހައްޓާފައި ހުރި ސީޓް ދަށުގައި ހަރުކޮށްފައި ހުރި ރަބަރު ކޮތަޅެއްގެ ތެރޭގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހުރިހާ މައްސަލަތަކެއް އުތުރަށް ތަހުގީގުކުރަމުންދާތީ، އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ނަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.