18 May 2014, 15:07
ރާއްޖެއާ އިންޑިއާގެ ގުޅުން އިތުރަށް ތަރައްގީކޮށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްލެއްވުމަށް ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށް އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ ހޯއްދެވި ބާރަތިޔަޖަނަތަ ޕާޓީގެ ލީޑަރު ނަރެންދުރަމޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
މޯދީ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވުމަށް މިއަދު ހެނދުނު ފޯނުންގުޅުއްވުމުންވެ.
މޯދީގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ފޯނުންގުޅުއްވާލައްވައި، ހެޔޮ އެދިވަޑައިގަތުމުގެ ޝުއޫރުތައް ފާޅުކުރެއްވީތީ، ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އަށް ޝުކުރުއަދާކުރެއްވި އެވެ. އަދި އިންޑިއާއާއި ރާއްޖެ އާ ދެމެދު އޮތް ގުޅުމަށް އެމަނިކުފާނުގެ ޒައާމަތުގައި ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އިންޑިއާގައި ބޭއްވުނު އިންތިޚާބު ވަރަށް ބޮޑު އަޣުލަބިއްޔަތަކުން އެ ޕާޓީން ކާމިޔާބު ކުރުމާގުޅިގެން، މިކަންޚާއްސަ ގޮތެއްގައި ފާހަގަކުރެއްވި އެވެ.
އަދި އެ ޕާޓީ އާ މެދު އިންޑިއާގެ ރައްޔިތުންގެ އިތުބާރު އޮތް މިންވަރު، އެ ކާމިޔާބީން ވަރަށް ރަނގަޅަށް ރަމްޒުވެގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާއާއި، ނަރެންދުރަ މޯދީ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެ އާއި އިންޑިއާ އާދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމުގެމައްޗަށް ބައްލަވައި ލައްވަމުން، ރާއްޖެއާއި އިންޑިއާއާދެ ގައުމުގެ ދެމެދުގައި އޮތްގުޅުން އިތުރަށް ހަރުދަނާކުރުމަކީ މުހިންމުކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.