މާލެ ސީޓީ ކައުންސިލްގައި ހިމެނިވަޑައިގަންވާ މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މަމްމޫނޫނަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ( އެލްޖީއޭ) އިން ނިންމައިފި އެވެ.

މާލެ ސީޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބަށް އެލްޖީއޭ އިން މިއަދު ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ ފުލުހުން ބަލަމުންދާ އޭނާގެ ސުލޫކީ މައްސަލައަކާ ގުޅިގެން ފަސް ދުވަހަށް ސަސްޕެންޑް ކުރުމަށް މިއަދު ނިންމާފައިވާ ކަމަށެވެ.

އެލްޖީއޭގެ ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ސޮއި ކުރައްވައި މޭޔަރަށް މިއަދު ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރަން ޕީޕީއެމް ކައުންސިލަރު މަމްނޫން އަށް އެންގުމަށް ވެސް އެ އޮތޯރިޓީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ސިޓީ ކައުންސިލަށް އަންގާފައެއް ނުވެ އެވެ.

"ވީމާ ކައުންސިލަރު އިބްރާހިމް މަމްނޫނަށް އަންގަވައި، ކުރިއަށް އޮތް ފަސް މަސައްކަތު ދުވަހަށް އޭނާ މަސައްކަތަށް ނުކުތުންމަނާކޮށް އެ މުއްދަތުގެ މުސާރަ ނުލިބޭނެކަން އަންގަވައިދެއްވުން އެދެމެވެ." މޭޔަރަށް އެލްޖީއޭ އިން މިއަދު ފޮނުވި ސިޓީގައިވަނީ ބުނެފަ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މަމްނޫން މިއަދު ވިދާޅުވީ އޭނާ ސަސްޕެންޑް ކޮށްފައިވާކަން ސިޓީ ކައުންސިލްގެ އިދާރާ މެދުވެރިކޮށް މިއަދު އަންފައިވާ ކަމަށެވެ. ނަމަވެސް ބަލަމުންދާ މައްސަލައާ ގުޅިގެން އޭނާގެ ބަޔާނެއް ނަގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެއްވެސް ބަޔާނެއް ނަގާފައިއެއްނުވޭ. މިއަދު ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް އެންގީ ސަސްޕެންޑް ކުރި ވާހަކަ."