ހަރަދުކުޑަކޮށް އާމްދަނީ އިތުރު ކުރުމަށް ރާއްޖެއަށް ކޮންމެ ހެން މުހިންމު ކަމަށް އެމްއެމްއޭގެ ގަވަރުނާ ޑރ. އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގައި ފެއްޓި "މޯލްޑިވްސް ފައިނޭންސް ފޯރަމް" ހުޅުވައިދިނުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޑރ. އަޒީމާ ވިދާޅުވީ މީގެ ކުރިން ވެސް ހަރަދުކުޑަކޮށްގެން ރާއްޖެ ކާމިޔާބީތައް ހޯދާފައިވާ ކަމަށެވެ. އެގޮތުން މިހާރު ވެސް ރާއްޖެއަށް މުހިންމު ވެފައިވާ އެންމެ ބޮޑު އެއް ކަމަކީ ހަރަދުކުޑަކޮށް އާމްދަނީ އިތުރުކުރުމެވެ

އަޒީމާ ވަނީ ރާއްޖޭގެ އިގްތިސާދުގެ ގިނަ ދާއިރާތަކުގެ ގަވައިދުތައް ހަރުދަނާ ކުރުމަށް ޖެހޭކަމަށް ވިދާޅުވެ އެކަމަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން ސަބްސިޑީތަކަކީ ވެސް ޓާގެޓްކޮށްގެން ދެވޭ އެއްޗަކަށް ހެދުން މުހިންމު ކަމެއްކަން ފާހަގަ ކުރައްވާފައެވެ.

"ރާއްޖެއަށް މިއަދު މުހިންމުވެފައިވާ އެންމެ ބޮޑު އެއްކަމަކީ ހަރަދުތައް ކުޑަކުރުމަށްފަހު، ރެވެނިއު އިތުރުކުރުން" ގަވަރުނާ ވިދާޅުވިއެވެ.

އަޒީމާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ބެންކިންގެ ހިދުމަތަކީ ވެސް ޒަމާނަށް ފެތޭ ހިދުމަތަކަށް ހަދަންޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި ރަނގަޅު މުޖުތަމައުއެއް ބޭއްވުމަށް އެންމެ ރަނގަޅުގޮތަކީ ސިޔާސީ ހަމަޖެހުން ދަމަހައްޓައި މެކްރޯ އިކޮނޮމިކް ސުޓެބިލިޓީ ހަރުދަނާ ކުރުން ކަމަށް ގަވަރުނާ ވިދާޅުވި އެވެ. އަދި ފިޒިކަލް ޕޮލިސީގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ދަތިނުވާނެ ގޮތަށް ކަންކަން ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ކަމަށް ގަވަރުނާ ވިދާޅުވިއެވެ.