18 May 2014, 13:50
ކޮރަޕްޝަންގެ ތުހުމަތަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގީ ޓީމަށް ފެމެލީ ކޯޓަށް ހުރަސް އެޅި މައްސަލަ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ހުށަހަޅުއްވައިފި އެވެ.
އެ މައްސަލަ އެ ދެ ފަރާތަށް ވެސް އޭސީސީގެ ފަރާތުން ހުށަހަޅާފައި ވަނީ އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ސޮއިކުރައްވައި ފޮނުއްވެވި ސިޓީއެއްގަ އެވެ. އެ ސިޓީގައިވާ ފާހަގަ ކުރައްވާފައިވާ ކަންތައްތަކެއް އެ ކޮމިޝަނަކުން ހާމައެއް ނުކުރި އެވެ.
ލުތުފީ "ސަން"އަށް ވިދާޅުވީ އުއްތަމަފަނޑިޔާރާއި ޑީޖޭއޭއަށް ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރައްވާފައި ވާނީ އޭސީސީގެ ތަހުގީގު ޓީމު ފެމެލީ ކޯޓަށް ވަންނަން އުޅުމުން، އެ ކޯޓުން އަމަލުކޮށްފައިވާ ގޮތް ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޭސީސީގެ އަމުރަކާ އެކު އެ ކޮމިޝަންގެ އޮފިޝަލުން ފެމެލީ ކޯޓަށް ވަންނަން އުޅުމުން އެ ކޯޓުން ބުނެފައި ވަނީ ކޯޓަށް ވަނުމުގެ އަމުރާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި ކުރަން ޖެހޭ މަސައްކަތް އެބަހުރި ކަަމަށެވެ.
އޭސީސީގެ ތަހުގީގު ޓީމަށް ފެމެލީ ކޯޓުން ހުރަސް އެޅި މައްސަލާގައި އެ ކޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.