އޭއެފްސީ ޗެލެންޖްގެ ކަޕްގެ ގްރޫޕް ބީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމް ނިންމުމުގެ މަސައްކަތުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އޭއެފްސީ ޗެލެންޖް ކަޕާ ގުޅިގެން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ "އޯލް އިން ވަން ރިދަމް" އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުން ވަނީ ޒޯން ސްޓޭޑިއަމްގެ ޕިޗް ނިންމުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީ އަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވެފަ އެވެ.

މާލެ އާއި އައްޑޫ ސިޓީގައި މި މާދަމާ އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހަށް ކުރިއަށްދާ މި މުބާރާތުގެ ސަލާމަތީ ކަންކަން ބެހެލެއްޓުމަށް މާލެއާއި އައްޑޫ ސިޓީގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާނެ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްޣާނިސްތާނުގެ އިތުރުން ލާއޮސް އެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގައި ބައްދަލުކުރާ ދެ ޓީމަކީ ލާއޮސް އާއި ތުރުކުމަނިސްތާނެވެ.