މެދު ޕްރޮވިންސްގެ ދަތުރުފަތުރުގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، މިއަދު އިފުތިތާހު ކޮށްދެއްވައިފި އެވެ. މ. އަތޮޅަށް ރައީސް ނަޝީދު މިއަދު ފެއްޓެވި ދަތުރުފުޅުގައި މެދު ޕްރޮވިންސްގެ ދަތުރުފަތުރުކުރުމުގެ ނިޒާމް ފަށްޓަވައިދެއްވުމުގެ ގޮތުން، ރައީސް ނަޝީދު މ. ވޭވަށުން މުލަކަށް ވަޑައިގެންނެވީ ފެރީ އެއްގަ އެވެ.


ދަތުރުފަތުރުގެ ނިޒާމް އިފްތިތާޙް ކުރެއްވުމަށާއި ފެރީ ޓާމިނަލްގެ ބިންގާ އަޅުއްވައިދެއްވުމަށް މުލަކުގެ ބަނދަރު ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވިޔަފާރިއާ ނުލައި ތަރައްގީ ނުވެވޭނެކަ ކަމަށެވެ. އަދި ވިދާޅުވީ ވިޔަފާރި ތަރައްގީކުރުމަށް މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވެންޖެހޭ ކަމަށެވެ. މި ސަބަބަށްޓަކައި ދަތުރުފަތުރުކުރުމުގެ ނިޒާމަކީ ނުހަނު ބޭނުންތެރި ނިޒާމެއްކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދަތުރުފަތުރު ކުރުމުގެ މަޝްރޫއު އެކުލަވާލެވިފައިވަނީ، ހަތް އަހަރުން އެ މަޝްރޫއު މުޅިން ފުރިހަމަކުރާ ގޮތަށް ކަމަށާއި، ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ރޭވިފައި އޮތީ، އަސާސީ ޚިދްމަތެއް ފެށުމަށް ކަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ އަސާސީ ހިދުމަތްތަކަށްފަހު ދެވަނަ ފިޔަވެއްސަށް ދާއިރު އެ ނިޒާމް ފުރިހަމަވީ މިންވަރަކަށް، ތަރައްގީ ހޯދަން ފަސޭހަވެގެންދާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މި ނިޒާމުގެ ތެރޭގައި ސަރުކާރުގެ އެންމެ ބޮޑު އެއް ވާޖިބަކަށްވާނީ، ބަނދަރު ރަނގަޅު ކުރުން ކަމަށާއި، މުލަކު ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް 2011 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ފަށާނެ ކަމަށް ވިދާޅުވި އެވެ.
މެދު ޕްރޮވިންސްގައި ދަތުރުފަތުރުގެ ނިޒާމް ޤާއިމް ކުރުމަށް ސަރުކާރުން ހަވާލުކުރައްވާފައިވަނީ، ވަމިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި އެކުންފުނިން ވަނީ މިއަހަރުގެ އޭޕްރީލްމަހު މެދު ޕްރޮވިންސްގައި، އެ ޚިދުމަތް ވަގުތީގޮތުން ދޭން ފަށާފައެވެ. މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 7280 ފަސިންޖަރުން މި ޕްރޮވިންސްގައި ދަތުރު ކުރި އެވެ.