ސްރީލަންކާ ސަރުކާރާ ދެކޮޅަށް 30 އަހަރުވަންދެން ހަނގުރާމަ ކުރި ތަމަޅަ ޓައިގަރުންގެ ހަނދާނުގައި އެއްވުމެއް ބާއްވަން ތަމަޅައިން އުޅެފި އެވެ.

ހަނގުރާމައިގައި މަރުވި ޓައިގަރުންގެ ޝަރަފުގައި އަދި މަރުވެދިޔަ އާއްމުންގެ ހަނދާނުގައި ޖަފްނާގައި އިއްޔެ ބާއްވަން އުޅުނު އެއްވުން ލަންކާ ފުލުހުން ވަނީ ހުއްޓުވާފަ އެވެ.

އޭޖެންސެ ފްރާންސް ޕްރެސް (އޭއެފްޕީ) އާ ހަވާލާދީ އޮސްޓްރޭލިއާގެ ސީބީއެސް ނެޓްވޯކް އިން ބުނީ އެއްވުން ބާއްވަން ތަމަޅަ ސިޔާސީ ލީޑަރުން މަސައްކަތް ކުރީ ސަރުކާރުން އެކަން މަނާކޮށްފައި ވަނިކޮށް ކަމަށެވެ. އެނެޓްވޯކް ބުނީ އެއްވުން ބާއްވަން އުޅުނު އިމާރާތުގައި ބޭރުގައި ފުލުހުން ބެރިކޭޑް ޖަހައި، ރޯކޮށްފައިވާ ބައްތިތައް ނިއްވާލި ކަމަށެވެ.

ތަމަޅައި ޓައިގަރުންގެ ކޮމާންޑަރު ވެލުޕިއްލައި ޕްރަބާ ކަރަން މަރާލައި، ހަނގުރާމަ ނިމުންކަން ސްރީލަންކާ ސަރުކާރުން އިއުލާން ކުރީ 2009 ވަނަ އަހަރުގެ މޭމަހުގެ 18 ވަނަ ދުވަހުއެވެ.

ހަނގުރާމަ ނިމުނުތާ ފަސް އަހަރު ފުރުން ފާހަގަކުރުމަށް ސްރީލަންކާ ސަރުކާރުން ބޮޑު ރަސްމިއްޔާތެއް ބާއްވާނެ ކަން ވަނީ އިއުލާންކޮށްފައެވެ. އެރަސްމިއްޔާތު އޮންނާނީ ރައީސް ރާޖަޕަކްޝާގެ އުފަން ރަށް މަޓާރާގައި ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްރީލަންކާގެ ހަނގުރާމައިގެ ފަހު ދުވަސްތަކުގައި ތަމަޅައިންގެ އާއްމުންގެ 40،000 މީހުން މަރާލާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެއެވެ. އެހަނގުރާމައިގައި ސަރުކާރުން އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެ ޔޫއެން އިން ލަންކާއާ ދެކޮޅަށް ގަރާރެއް ވެސް ވަނީ ފާސްކޮށްފައެވެ.