މާދަމާ ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖު ކަޕުގެ ހުޅުވާ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ މިޔަންމާގެ ގައުމީ ޓީމުގެ ކޯޗުކަން ކުރިންކޮށްފައިވާތީ، އެކަމުގެ ފައިދާ ރާއްޖޭގެ ގައުމީ ޓީމަށް ކުރާނެ ކަމަށް ގައުމީ ކޯޗް ޑްރާގޯ މަމިޗް ބުނެފި އެވެ.

ގައުމީ ޓީމުގެ މިހާރުގެ ކޯޗު ވަނީ މިޔަންމާގެ ގައުމީ ޓީމަށް 2009 އަހަރާއި 2010 ވަނަ އަހަރު ކޯޗުކަންކޮށްދީފަ އެވެ. އޭނާ މިޔަންމާގެ ޓީމަށް ކޯޗުކަންކޮށްދިން ފަހުން، 2010 ވަނަ އަހަރު ލައްކާގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ސެމީފައިނަލުގައި މިޔަންމާ ވާދަ ކުރި އެވެ. އެފަހަރު ސެމީ ފައިނަލުން ބަލިވެ، މުބާރާތުގެ ހަތަރު ވަނަ މިޔަންމާ ހޯދި އެވެ.

އޭއެފްސީ ޗެލެންޖު ކަޕްގެ ފެށުމުގެ ކުރިން ގްރޫޕް އޭގައި ވާދަ ކުރާ ހަތަރު ޓީމުގެ ކޯޗުން ޕެރަޑައިޒް އައިލެންޑް ރިސޯޓުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ގައުމީ ކޯޗު މަމިޗް ބުނި ގޮތުގައި އޭނާގެ މާޒީގައި މިޔަންމާގެ ކޯޗުކަން އަހަރު ދުވަހުކޮށްފައިވުމުން އެ ގައުމުގެ ކުޅުން ވަރަށް ރަނގަޅަށް އިނގޭ އެވެ. އަދި މިޔަންމާގެ ކުޅުންތެރިންގެ ފަންނު ދެނަގަނެވިފައިވާ ކަމަށާއި އޭގެ ފައިދާ މާދަމާ ރޭ މިޔަންމާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ނުކުންނަ އިރު ފެންނާނެ ކަމަށް ކޯޗް މަމިޗް ބުންޏެވެ.

މަމިޗް ބުނީ ދިވެހި ސަޕޯޓަރުން މާޔޫސް ވިޔަ ނުދޭނެ ކަމުގެ 150 ޕަސެންޓް މިހާރު ވެސް ދޭނެ ކަމަށާއި ގައުމީ ޓީމު އޮތީ މުބާރާތައް ތައްޔާރުވެފައި ކަމަށެވެ.

އޭނާ ބުނި ގޮތުގައި މިފަދަ މުބާރާތެއްގައި ވިދިވިދިގެން މެޗުތައް ކުޅެން ޖެހުމުން އެއްވެސް ޓީމަަކަށް ރަނގަޅަށް ތައްޔާރު ނުވެވޭނެ އެވެ. ނަމަވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅޭނެ ރަނގަޅު ކުޅުންތެރިން ތިބިނަމަ އޭގެ ފައިދާ ޓީމަށް ކުރާނެ ކަމަށް މަމިޗް ބުންޏެވެ.

މުބާރާތުގައި ކުޅޭ ފުރަތަމަ މެޗަކީ މުހިއްމު މެޗެއް ކަމަށް ފާހަގަކޮށް އޭނާ ބުނީ ފުރަތަމަ މެޗުން މޮޅުވުމަށްފަހު ނޫނީ އެހެން މެޗަކާ ދޭތެރޭ ނުވިސްނާނެ ކަމަށެވެ.

މާދާމާރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި މިޔަންމާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ގައުމީ ޓީމުގެ މިޑްފިލްޑަރު ރިލްވާން ވަހީދު (ރިލޭ)އަށް މާދަމާގެ މެޗުގައި ނުކުޅެވޭނެ އެވެ.