މޯލްޑިވްސް ޕެންޝަން އޮފީހުން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ފައިނޭންސް ފޯރަމް މިއަދު ބަންޑޮސް އައިލެންޑް ރިސޯޓްގައި ފަށައިފި އެވެ.

މި އަހަރު ބާއްވާ ފައިނޭންސް ފޯރަމްގެ މައުލޫއަކީ "އިންޓަނޭޝަނަލް ފައިނޭންޝަލް އެންޑް ކެޕިޓަލް މާކެޓްސް" އެވެ.

މި އަހަރު ފޯރަމް މިއަދު ހެނދުނު ފެއްޓި އިރު އެ ފޯރަމް ޝަރަފުވެރިކޮށްދެއްވީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ. އެ ފޯރަމްގައި ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ބައިވެރިވެ އެވެ.

ޕެންޝަން އޮފީހުން ބުނީ އެ ފޯރަމްގައި ބައިނަލްއަގުވާމީ އިދާރާތަކަކުން ފަންޑް ހޯދިދާނެ ގޮތްތަކާއި ބައިނަލް އަގުވާމީ މާކެޓްގައި އިންވެސްޓް ކުރެވޭނެ ގޮތްތަކާއި ކެޕިޓަލް މާކެޓް ތަރައްގީ ކުރުމަށް ޓަކައި ކުރެވިދާނެ ތަފާތު ކަންތައްތަކާ ބެހޭ ގޮތުން ހިޔާލު ފާޅުކުރުން އޮންނާނެ ކަމަށެވެ.

މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ އެ ފޯރަމްގައި ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުގެ ވާހަކަފުޅުތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.