ޗައިނާއާ ދެކޮޅަށް ވިއެޓްނާމްގައި މިދިޔަ އަންގާރަ ދުވަހުން ކުރަމުން އަންނަ މުޒާހަރާތަކުގައި ޗައިނާގެ ދެމީހަކު މަރާލައި 100 އަށް ވުރެ ގިނަމީހުން ޒަހަމްކޮށްލައިފި އެވެ.

ޗައިނާއާ ދެކޮޅަށް ވިއެޓްނާމްގައި މުޒާހަރާ ކުރަނީ ދެކުނު ޗައިނާ ކަނޑުން ތެޔޮ ނެގުމަށް ޗައިނާ އިން މަސައްކަތް ފެށުމުން ކަމަށް ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުސް އެޖެންސީން ބުންޏެވެ. އަދި ބުނީ ޗައިނާ އިން ވިއެޓްނާމްގައި ހިންގާ ފެކްޓްރީއަކަށް މުޒާހަރާކުރި މީހުން ގެއްލުން ދީފައިވާ ކަމަށެވެ.

ވިއެޓްނާމްގައި ތިބި ޗައިނާ މީހުން ސަލާމަތްކޮށްގެން އަނބުރާ ގެންދިއުމުގެ މަސައްކަތް ޗައިނާ އިން މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން 3000 މީހުން މިހާރު އަނބުރާ ޗައިނާ އަށް ގެންގޮސްފައިވާ ކަމަށް ޒިންހުއާ ނިއުސް ބުންޏެވެ. އަދި ހަމަނުޖެހުންތަކުގައި ވަރަށް ބޮޑަށް ޒަހަމްވެފައިވާ 16 މީހުން، ޗައިނާ ސަރުކާރުން ފޮނުވި މެޑިކަލް މަތިންދާބޯޓެއްގައި ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

ބާކީ ތިބި މީހުން ގެންދިއުމަށް ފަސް ކަނޑުބޯޓް ފޮނުވަން ޗައިނާ އިން ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން އެއްބޯޓް ޗައިނާގެ ހުނާން ޕްރޮވިންސުން ފުރައިގެން މިހާރު ވިއެޓްނާމަށް ދަތުރުކުރަމުން އަންނަ ކަމަށް ޗައިނާ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.

ޗައިނާގެ ރައްޔިތުންނާ ދެކޮޅަށް އިތުރު ހަމަނުޖެހުންތައް ހިންގިޔަ ނުދޭނެ ކަމަށް ވިއެޓްނާމް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.