18 May 2014, 11:30
އދ. މަޖިލިސް (މޭ 18): އީރާނުން އެގައުމުގެ ބެލަސްޓިކް މިސައިލް ޕްރޮގްރާމް ހަލުއިކަމާ އެކު ތަރައްގީ ކުރަމުން ގެންދާ ކަމަށް އދ.ގެ ސިއްރު ރިޕޯޓެއް ބުނެފި އެވެ.
ރަސްމީކޮށް ހާމަކޮށްފައިނުވާ ނަމަވެސް ކަމާ ބެހޭ ފަރާތްތަކާ އެކު ހިއްސާކޮށްފައިވާ މިރިޕޯޓް ބުނާ ގޮތުން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގެ ބައެއް ހަރަކާތްތައް މަޑުޖައްސާލުމާބެހޭ ގޮތުން ހުޅަނގުގެ ބާރުތަކާއި އީރާނާދެމެދު ވާހަކަތައް ދެކެވެމުން ދިޔަ ނަމަވެސް އީރާނުން ރޮކެޓާއި އެކި ރޭންޖްތަކުގެ ބެލަސްޓިކް މިސައިލްގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ކުރިޔަށްގެންދާ ޕްރޮގްރާމް، ހަލުއިކަމާ އެކު ތަރައްގީ ކުރަމުން ގެންދާކަމުގަ އެވެ. ނަމަވެސް މިސައިލް ޓެކްނޮލޮޖީ އަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ސިއްރިޔާތުގައި އީރާން ކުރަމުންގެންދާ މަސައްކަތްތައް މިދިވަސްވަރު ތަންކޮޅެއް މަދުވެފައިވާ ކަމަށް އދ.ގެ ރިޕޯޓްބުނެ އެވެ.
އީރާނުގެ މިސައިލް ޕްރޮގްރާމް މަޑުޖައްސާލާފާނެ ކަމަށްހުޅަނގުން ހީކުރުމަކީ މޮޔަ ކަމެއް ކަމަށް ވިދާޅުވެ އެގައުމުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ދާދިފަހުން ވާހަކަ ދައްކަވާފައިވެ އެވެ. ޚަމަނާއި ވިދާޅުވެފައި ވަނީ އީރާނުގެ ނިއުކްލިޔާ މައްސަލައާ ބެހޭ ގޮތުން ހުޅަނގުގެބާރުތަކާ އީރާނާ ދެމެދު ކުރިޔަށްދާ ވާހަކަތަކަކީ އީރާނުގެ މިސައިލް ޕްރޮގްރާމާ އެއްވެސް ގުޅުމެއް ހުރި ވާހަކަތަކެއް ނޫންކަމުގަ އެވެ.
ނިއުކްލިޔާ ވާހަކަތަކުގެ ތެރެއަށް އީރާނުގެ މިސައިލް ޕްރޮގްރާމް ވެއްދިދާނެކަމަށް ހުޅަނގުން ލަފާކުރާ ނަމަ އެއީ މޮޔަކަމެއް ކަމަށާ އަދި އީރާނުން މިސައިލް އުފައްދާ މިންވަރު އިތުރު ކުރަން ޖެހޭ ކަމަށް ވެސް ޚަމަނާއި ވިދާޅުވެފައިވެ އެވެ. އީރާނުގެ މިސައިލް ޕްރޮގްރާމަކީ ކުރުމުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑަށް ތަރައްގީކޮށްފައިވާ ޕްރޮގްރާމެއް ކަމަށާއި އީރާނުން މިހާތަނަށް އުފައްދާފައިވާ އެންމެ ދުރު ރާސްތާގެ މިސައިލަކީ 3000 ކިލޯ މީޓަރުގެ ރާސްތާގެ ބެލަސްޓިކް މިސައިލް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)