މިދިޔަ ސީޒަނުގެ ސްޕެއިން ޗެމްޕިއަން ބާސެލޯނާ އަށް މި ސީޒަނުގައި އެއްވެސް ތައްޓެއް ނުލިބި، ގިނަ ބައެއްގެ ފާޑުކިންތައް އާމާޒްވުމާއި ގުޅިގެން ބާސާގެ ކޯޗް ކަމުގެ މަގާމްގައި ހުރި ޖެރާޑޯ މާޓިނޯ މަގާމުން ވަކިކޮށްފި އެވެ.

ކޯޗް ކަމުގެ މަގާމުން މާޓިނޯ ވަކިކުރުމުގެ ދެ ހަފްތާ ކުރިން އިނގިރޭސި ބައެއް މީޑިއާތަކަށް ދީފައިވާ އިންޓަވިއުއެއްގައި މާޓިނޯ ބުނެފައި ވަނީ، ކޯޗް ކަމުން ވަކި ކުރިއަސް މިސީޒަންގައި ބާސާއަށްތައްޓެއް ނުލިބި ނިންމާލަން ޖެހުމުގެ ހުރިހާ ޒިންމާއެއް ނާގާން ކަމަށެވެ.

މިސީޒަނުގައި ބާސާއަށް އެކަށީގެންވާ ކާމިޔާބެއް ނުލިބުމާއި ގުޅިގެން މާޓިނޯ މަގާމުން ވަކިކުރުމަށް ބާސާގެ ފޭނުން ވެސް ސޯސަލް މީޑިއާގައި ވަނީ މީގެކުރިން ގޮވާލައިފައެވެ.

ބާސާގެ ކޯޗް ކަމުން މާޓިނޯ އިސްތިއުފާ މިދިނީ ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ އާއި ދެކޮޅަށްކުޅެ އެއްވަރުވެ، ލީގު ބާސާއަށް ކާމިޔާބުނުކުރެވުމާއި ގުޅިގެންނެވެ.

މާޓިނޯ ބުނީ، ފާއިތުވި ދުވަސް ތަކުގައި ޓީމުގެ އިސްވެރިން ބެހެއްޓި ގާތް ގުޅުމާއި ދެއްވި މެހުމާން ދާރީ ކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސާގެ ކޯޗުކަމުގެ މަގާމާއި ދެން އެންމެ އަވަހަށް ހަވާލުވާނެ ކަމަށް އަޑު ފެތުރިފައިވަނީ ކުރިން އެ ޓީމަށް ކުޅުނު ސެލްޓަވިގޯގެ ކޯޗު ލުއިސް އެންރީކޭ އެވެ. އެހެން ނަމަ ވެސް ބާސާއިން އަދި ކޯޗަކު ހަމަޖައްސާގެ ވަކި ދުވަހެއް އިއުލާން ކޮށްފައެއް ނުވެއެވެ.