އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ ބުރާސްފަތި ދުވަހު ވިދާޅުވީ އައިޖީއެމް އެޗް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"... އައިޖީއެމްއެޗް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވެސް އަޅުގަނޑުމެން ވަނީ ފަށާފައި. އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި މުޅި އައިޖީއެމްއެޗް ފުރިހަމައަށް މަރާމާތުކުރަން،" ބުރާސްފަތި ދުވަހު އިންޑިއާ ހައިކޮމިޝަނުގައި އޮތް ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝަހާރޭ ވިދާޅުވިއެވެ.

އިންޑިއާ ހައިކޮމިޝަނުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އައިޖީއެމްއެޗް މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިދިޔަ ހަފުތާގައި ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"...މުޅި ހޮސްޕިޓަލް އެއްފަހަރާ ހުސްކޮށްގެން މަސައްކަތެއް ނުކުރެވޭނެ. އެހެންވީމާ ފަހަރަކު ބައެއްގެ މަސައްކަތް ކުރަނީ، " އޮފިޝަލް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިން ކޮންސްޓްރަކްޝަން ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ އެމަސައްކަތަށް 10 މިލިޔަން ޑޮލަރު ހަރަދުކުރަން އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.